އަޅުގަނޑުމެން ޓެކްސް ޕޭޔަރުން، މިލިޔަނުން ފައިސާ ދެއްކީމަ ސަރުކާރަށް އަންނަ ބަޔަކު ކާލަނީ

ޓެކްސް ޕޭޔަރުން މިލިޔަނުން ސަރުކާރަށް ޓެކްސް ދައްކާއިރު، ކޮންމެ ފަސް އަހަރުން ރާއްޖޭގެ ވެރިކަމަށް އަންނަ ބަޔަކު ދައުލަތުގެ ހަޒާނާތަކާއެކު ފައިސާކޮޅު ކާލައިގެންދާތަން ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އޮޑިޓް ރިޕޯޓްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ސިޔާމު ވިދާޅުވީ، ރާއްޖޭގައި ވޭތުވެދިޔަ ހަތަރު ވެރިކަމުގައިވެސް އޮޑިޓާޖެނެރަލް ހުންނެވި ކަމަށާއި، އެކި ކަންކަން ފާހަގަކޮށް ފުރިހަމަ އޮޑިޓް ރިޕޯޓްތަކެއް އޮޑިޓާ ޖެނެރަލް ނެރުއްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް އޮޑިޓް ރިޕޯޓަކަށް އައި އެއްވެސް ބަދަލެއް ނެތްކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، އޮޑިޓް ރިޕޯޓް ތަކުގައި، މިލިޔަނުންނާއި ބިލިޔަނުން ހިޔާނާތާއި، ވަގަށް ނަގާފައިވާ ފައިސާ ކަނޑައެޅިގެން ފެންނަން އޮތަސް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ހިޔާނާތުުގެ އެ ފައިސާ ހޯދުމަށް މިހާތަނަށް ކުރެވިފައިވަނީ ކޮންކަމެއްތޯވެސް ސިޔާމު ވަނީ ސުވާލު ކުރައްވައިފައެވެ.
ސިޔާމު ފާހަގަ ކުރެއްވި ގޮތުގައި އޮޑިޓް ރިޕޯޓްތައް ބަލައި އޭގައި ހިޔާނާތްތެރިވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ދައުލަތުުގެ އެއްވެސް މުއައްސަސާއަކުން މަސައްކަތް ކޮށްފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ