މަޖިލީހުގެ ރައީސް ހޮވުމުގެ މައްސަލައިގައި ހިޔާލު ތަފާތު ވުމަކީ ވަގަށްގޮވަންޖެހޭ ކަމެއްނޫން: މަހްލޫފު

މިފެށޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމުގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތު ވުމަކީ، އެއްބަޔަކު އަނެއް ބަޔަކަށް ވަގަށްގޮވަން ޖެހޭ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މަޖިލިސް ރައީސް ކަަމަށް ބޭފުޅަކު ހޮވުމަށް ކުރަމުން އަންނަ މަސައްކަތުގައި ހިޔާތު ތަފާތުވެ ސޯޝަލް މީޑިޔާގައި މެންބަރުން ގެންދަނީ ހިޔާލު ފާޅު ކުރަމުންނެވެ.
މަޖިލިސް ރައީސް އަކަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު ހާމަ ކުރައްވާފައިވާއިރު، ރައީސް ނަޝީދު ތާއީދު ކުރައްވަނީ، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދަނީ ކެމްޕެއިން ތަކެއްވެސް ކުރަމުންނެވެ.
މި މައްސަލައިގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާތީ، މީގެކުން މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލު ކުރެއްވި އަހުމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވަކި މީހަކަށް ތާއީދު ކުރުމަކީ، ނުވަތަ ތާއީދު ނުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ.
އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލުފުޅު ވެސް ތަފާތު ވެދާނެ ކަމަށާއި، އެއީ އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންވީ ކަމެއް ނޫން ކަމަށްވެސް މަހްލޫފު ވިދާޅުވެފައިވެއެވެ.
ތަފާތު ހިޔާލުތަކަށް ޖަވާދުދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީން ކަމަށާއި، މިފަހަރުގެ މަޖިލީސް އިންތިހާބުގައި ހިމެނޭ 87 ދާއިރާގެ ތެރެއިން 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީން މަޖިލީހުގެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ވޯޓު ބޭނުން ނޫން ކަމަށްވެސް މަހްލޫފު ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ