ސިޔާސަތުތައް ނެގެހެއްޓުމުގައި ރާއްޖެ ދެމިއޮންނާނެ: ޝިދާތާ

އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށްޓަކައި ސަގާފީ، އިޖުތިމާއީ، ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދިޔަ "އެންޑިން ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި އިއްޔެ ތަގުރީރުކުރައްވަމުންނެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ޖިއޮގުރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ގުދުރަތީ ކާރިސާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން 2004 ވަނަ އަހަރު ސުނާމީގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، އެ ކާރިސާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެފަދަ ކާރިސާތަކަށް ފަހު އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވާ ކަމަށާއި، އެ ގޮތުން އެފަދަ ފަރާތްތައް ޖިސްމާނީ އަދި ޖިންސީ އަނިޔާއަށް ހުށަހެޅޭ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކަށައަޅައިފައިވާ ކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކި ބާވަތުގެ އަނިޔާއާއި ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ވަގުތީ ހިޔާތަކާއި މަރުކަޒުތަކުން ރައްކާތެރިކަން ފޯރުކޮށްދީ އެފަދަ ފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންފަރެންސަކީ ނޯވޭ، އިރާގު، ސޯމާލިއާ އަދި އެކުވެރި އަރަބި އިމާރާތުގެ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އަދި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީއާރްސީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.
މިކޮންފަރެންސްގައި އެކި ގައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ގައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަގްވާމީ އެޖެންސީތަކާއި، މަދަނީ ޖަމައަތްތަކުގެ ވެރިން ބައިވެރިވެފައިވެ އެވެ.
މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ހާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި، އިންސާނީ ކާރިސާތަކުގައި މިބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުންވެސް މި ކޮންފަރެންސްގައި ވަނީ މަޝްވަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ