ދަ ގުރޭންޑޭއިން އިތުބާރު ހޯދައިފި

ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 2-1 ނަތީޖާއަކުން ކާމިޔާބު ހޯދައި، ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ދިވެހި ޕްރިމއާ ލީގްގައި އަލަށް ވާދަ ކުރާ ދަ ގުރޭންޑޭއިން އިތުބާރު ހޯދައިފި އެވެ.
ދެ ޓީމު ވެސް، މިއަދުގެ މެޗަށް ނުކުތީ ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅު ވެގެންނެވެ. ކުރީގެ މެޗާ ހިލާފަށް، ދަ ގްރޭންޑޭ މެޗަށް ނުކުތީ ބިދޭސީ ކުޅުންތެރިންނާއެކު އެވެ. އެހެންވެ ނަތީޖާ ބަދަލު ކޮށްލުމުގައި އެ ޓީމަށް ބޮޑު އެހީ އަކަށް ވެގެން ދިޔަ އެވެ.
އެ ޓީމުން އުފެއްދި ހަމަލާތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، އިރާގުގެ ފޯވަޑް އުބައިދާ ޚަދޫމް އަހްމަދެވެ. ދަ ގްރޭންޑޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީވެ ސް އޭނާ އެވެ. މެޗުގެ 26 ވަނަ މިނެޓްގައި ދަ ގުރޭންޑޭއިން ނެގި ހުރަސް ދިފާއު ކުރުމުގައި، ފޯކައިދޫގެ ކުޅުންތެރިންނަށް ކާމިޔާބު ނުހޯދުމުން އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުރި އުބައިދާ އަށެވެ. އެ ބޯޅަ އޭނާ ވައްދާލީ ގޯލްގެ މަތީ ކަނަށެވެ.
ދަ ގުރޭންޑޭގެ ދެ ގޯލް ވެސް ފެނިގެން ދިޔައީ، ފޯކައިދޫގެ ކަނާތް ފަރާތުން އަރައި އުފެއްދި ހަމަލާތަކެއްގެ ގޮތުގަ އެވެ. ދެ ވަނަ ލަނޑު އަހްމަދު ނިޒާމް ކާމިޔާބު ކުރީ، އުބައިދާ، ފޯކައިދޫގެ ކަނާތް ފަރާތުން އަރައި އޭރިއާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ވާގޮތަށް ހުރަސްކޮށް ދިނުމުން ނިޒާމް ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދަ ގުރޭންޑޭ އަތުގައި މެޗުގެ ނަތީޖާ ބޭއްވުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ކީޕަރު މުހައްމަދު ފައިސަލެވެ.. އޭނާ ވަނީ މެޗުގައި މުހިންމު ހަ ސޭވް ކޮށްފަ އެވެ.
ފައިސަލްގެ ފަރާތުން މުޅި މެޗުގައި ވެސް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. މެޗުގެ 40 ވަނަ މިނެޓްގައި ފޯކައިދޫގެ ލަނޑު ކާމިޔާބު ކުރުމުގައި، މުހައްމަދު ނިޒާމް ފައިގައި ޖެހިފައި ބައިކޮޅަށް ލަނޑު ވަދެގެން ދިޔައިރު ބޯޅައިގެ މިސްރާބު ފައިސަލްއަށް ވެސް ސަމާލު ނުވެވި ހުރުމެވެ.
ފޯކައިދޫ ޓީމުގެ އަންސަރު އިބްރާހިމް ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ގޯލަށް ވަނީ ނިޒާމުގެ ފައިގައި ޖެހިފަ އެވެ. އެ ބޯޅަ ފައިސަލްގެ ފައި ކައިރިން ދިޔައިރު އޭނާއަށް ހަރަކާތް ކުރެވުނީ އެހެން މިސްރާބަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ