މާލޭގެ ސަޕްލައި ފެނުގެ ކޮލިޓީ ޑަބްލިއުއެޗްއޯގެ މިންގަޑަށްވުރެ ފެންވަރު ރަނގަޅު!

މާލެ ސަރަހައްދަށް ފޯރުކޮށްދޭ ފެނުގެ ކޮލިޓީ ހުންނަނީ ޑަބްލިއުއެޗްއޯ މިންގަޑަށްވުރެ އެތައްގުނައަކުން ފެންވަރު ރަނގަޅަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
 
ބޯފެނަން ކުރަންޖެހޭ ޚަރަދާ އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެން ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުމާއި ރައްޔިތުންނަށް އެ ފެނުގެ ކޮލިޓީ ޔަގީންކޮށް ދިނުމަށް މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކީ ތިން މަރުހަލާއަކުން ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ފެނެއްކަމަށެވެ. އަދި ފެނުގެ ނިޒާމެއް ރަށެއްގައި ޤާއިމްކޮށް ނިންމުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާކަމަށާއި ފެނުގެ ނިޒާމެއް ޤާއިމްކޮށް ނިންމަން އެވަރެޖްކޮށް 25 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
 
"މިހާ އަގުބޮޑު ނިޒާމެއް ޤާއިމްކޮށް ރައްކާތެރި ސާފު ފެނުގެ ޚިދުމަތް ދެމުންދާއިރު ފެންފުޅިގަނެގެން ބޭނުންކުރަމުންދާކަމީ ކަންބޮޑުވާންޖެހޭކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން ވަނީ ޕްރެސެންޓޭޝަން ދީފައެވެ.
އެގޮތުން ފެނުގެ ޚިދުމަތް ރެގިއުލޭޓްކުރާ ފަރާތުގެ ހައިސިއްޔަތުން، ފެނުގެ ޚިދުމަތް ދެވެނީ ކަނޑައަޅާފައިވާ މިންގަނޑު ތެރޭގައިތޯ ބެލުމަށްޓަކައި މާލެ ސަރަޙައްދުގައި އީޕީއޭއީން ފެން ޓެސްޓުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު އެފަރާތުން ވަނީ ހިއްސާކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީގެ ޕްރެސެންޓޭޝަނުގައި އެ ކުންފުނިން ފެން އުފެއްދުމާއި އެ ފެން ރައްކާކޮށް މާލޭ ސަރަޙައްދަށް ޑިސްޓްރިބިއުޓް ކުރާގޮތުގެ މަޢުލޫމާތު ދީފައިވާއިރު އެމްއެފްޑީއޭ އިން ވަނީ ނޭޝަނަލް ހެލްތް ލެބޯރަޓަރީން ފެން ޓެސްޓް ކުރެވޭ މިންގަނޑުތަކާއި އީޕީއޭއާއި ގުޅިގެން އެ އެޖެންސީން ކުރެވުނު ފެނުގެ ޓެސްޓުތަކުގެ ނަތީޖާ ހިމަނާފައެވެ.
ބޯފެނަން ކުރަންޖެހޭ ޚަރަދާ އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެން ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުމާއި ރައްޔިތުންނަށް އެ ފެނުގެ ކޮލިޓީ ޔަގީންކޮށް ދިނުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ