އިންޑިއާގެ އިގްތިސާދާ އެހެން ގައުމުތައް ގުޅޭނެ ގޮތެއް ހޯދަންޖެހޭ - ނަޝީދު

ކުރިއަރަމުން އަންނަ އިންޑިއާގެ އިގްތިސާދާ އެހެން ގައުމުތައް ގުޅޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއަކީ އެކުވެރިއެއް ކަމަށް އަބަދުވެސް ދެކެމުން އަންނަ ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
"އިންޑިއާގެ އިގްތިސާދު ކުރިއަރަމުން އަންނައިރު، ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން އިންޑިއާގެ އިގްތިސާދާ ގުޅުވާލެވޭނެ މަގު ފަހިކުރަން އެބަޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވިދާޅުވީ ދިވެހިރާއްޖެއިން މަސައްކަތް ކުރާނީ އިންޑިއާއެކު ކުރިއެރުމަށް ކަމަށެވެ
" ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަން ދެމިއޮންނާނެ. ދެ ގައުމުގެ ކުރިއެރުމަށް އެކީ މަސައްކަތް ކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަން ވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ