ފުލުހުންގެ ކާރެއްގައި ޖެހުނު ވޭނަކުން 140 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ފެނިއްޖެ

އޮސްޓްރޭލިޔާގެ ސިޑްނީގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ފުލުސް ކާރެއްގައި ޖެހުނު ވޭނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ވޭނުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ 'އައިސް' ގިނަ އަދަދަކަށް ހުއްޓެވެ. ވޭނުގައި ހުރި 273 ކިލޯގްރާމްގެ މަސްތުވާތަކެތީގެ އަގު މަގުމަތީ އަގު 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް (140 މިލިއަން އެމެރިކާ ޑޮލަރަށް) އަރައެވެ. ވޭން ދުއްވަން އިން އުމުރުން 26 އަހަރުގެ ސައިމަން ޓޫ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު ހެނދުނު 10:30 ގައި (ރާއްޖޭ ގަޑިން ފަތިހު 5:30 ގައި) ސިޑްނީގެ އީތަލް ސްޓްރީޓުން ބާރަށް ދުއްވާފައި ދިޔަ ޓޮޔޯޓާ ހައިއޭސް ވޭން ޖެހުނީ އީސްޓްވުޑް ޕޮލިސް ސްޓޭޝަން ކުރިމަތީގައި ޕާކްކޮށްފައި ހުރި ފުލުސް ކާރުތަކެއްގައެވެ.
"މިއި މިހާތަނަށް ނިއު ސައުތު ވޭލްސް ގައި އެންމެ ފަސޭހައި އަތުލައިގަނެވުނު މަސްތުވާތަކެތި." ޑިޓެކްޓިވެ ޗީފް އިންސްޕެކްޓާ ގްލިން ބޭކާ ވިދާޅުވިއެވެ.
"ޔަގީނުންވެސް މިއީ މި މީހާހަށް (ވޭނުގެ ޑްރައިވަރަށް) ވަރަށް ވަރަށް ގޯސް ދުވަހެއް. އެޙާ ގިނަ މަސްތުވާތަކެތި އުޅަނދަކަށް އަރުވައިގެން އައިސް ފުލުހުންގެ އުޅަނދެއްގައި ޖެހުނު ވާހަކަ ކުރިން އިވިފައެއް ނުވޭ. މިއާ އާދަޔާ ޚިލާފު ހާލަތެއް." އޭނާ  ވިދާޅުވިއެވެ.
ވޭނުން ޖެހުނު ފުލުހުންގެ އެއް ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ވާއިރު އަނެއް ކާރަށް ވަނީ ކުދިކުދި ގެއްލުން ވެފައެވެ.
ހައްޔަރުކުރެވުނު މީހާ ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ކޯޓުން ދެކޮޅު ހަދާފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވިއްކަން އުޅުމާއި، ފަރުވާކުޑަކޮށް ދުއްވުމާއި، ފުލުހުންނަށް މައުލޫމާތު ދޭން ދެކޮޅު ހެދުމުގެ ކުށުގެ ދައުވާ ބުދަ ދުވަހު ބާވުޑް ލޯކަލް ކޯޓުގައި އޭނާގެ މައްޗަށް އުފެލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ