އީރާނުގެ ޑްރޯނަކަށް ހަމަލަދީ ހަލާކުކޮށްލައިފިން - ޓްރަމްޕު

އީރާނުގެ އައްސޭރިއާ ގާތުން ހޮރްމުޒް ކަނޑުއޮޅިން އީރާނުގެ ޑްރޯނަކަށް ހަމަލަދީ ހަލާކުކޮށްލައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕު ވިދާޅުވާ ޒާތުގެ ޑްރޯނަކީ ޖާސޫސީ އެކިބޭނުމަށާއި ހަމަލާދިނުމަށް ޕައިލެޓަކާނުލައި އުދުހެވޭ ކުޑަވަރެެއްގެ މަތިންދާބޯޓެވެ. ޓްރަމްޕު ވިދާޅުވީ ހޮރްމުޒް ކަނޑުއޮޅީގައި މިވަގުތު ހަރަކާތްތެރިވަމުންދާ ޔޫއެސްއެސް ބޮކްސަރ ނަމަކަށް ކިޔުނު ހަގުރާމަމަތީ މަނަވަރާ ވަރަށް ގާތުން އުދުހި އެމަނަވަރާއި އޭގެ ފަޅުވެރިންގެ ސަލާމަތަށް ނުރައްކާ ކުރުމުން އެހެން ގޮތެއް ނެތިގެން ޑްރޯނަށް ހަމަލަދީ ހަލާކުކޮށްލަން ޖެހުނީ ކަމުގައެވެ.
އީރާނުގެ ޑްރޯނަށް ހަމަލަދިނީ ދުރަށް ދާން އެތަކެއްފަހަރު އިންޒާރުދިނުމުންވެސް އެގޮތަަށް އަމަލު ނުކުރުމުން ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. މިއީ އެމެރިކާ އާއި އެމެރިކާގެ ބައިވެރީންގެ ހިމާޔަތުގައި ކޮންމެހެން ކުރާން ޖެހިގެން ކުރި ކަމެއް ކަމަށާއި މިގޮތަށް އަމަލުކުރުމުގެ ފުރިހަމަ ހައްގާއި އިޚުތިޔާރު އެމެރިކާއަށް ލިބިގެންވާ ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.
ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކަށް އޭނާ ގޮވައިލެއްވީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް އީރާނުން ހުރަސްއަޅާތީ ވަގުތުން އީރާން ކުށްވެރި ކުރުމަށެވެ. ރައީސް ޓްރަމްޕުގެ މި ވިދާޅުވުމަށް އީރާނުން އަދި ރައްދެއް ނުދެއެވެ. މިއީ ހިނގިކަމެއްކަން އަދި ނޫންކަން ކަށަވަރުކޮށެއްވެސް ނުދެއެވެ.
މިހާދިސާ ހިނގިކަމަށް އެމެރިކާއިން ބުނާ ހޮރްމުޒް ކަނޑުއޮޅިއަކީ ގަލްފަށް ވަދެ ނިކުމެވޭ އަނގަމައްޗެވެ. ގަލްފުން ބޭރުކުރާ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރެނީ އެދޮރާށިންނެވެ. ކަނޑުއޮޅީގެ އިރުމަތީ ބިތުގައި އޮތީ އީރާނެވެ. ހުޅަނގު ބިތުގައި އޮމާނާއި އެމިރޭޓްސްއެވެ.
އީރާނުގެ ޑްރޯނެއް ވައްޓާލައިފި ކަމަށް އެމެރިކާއިން ބުނެފައިމިވަނީ އެމެރިކާގެ ޑްރޯނެއްވެސް ހަމަ އެހިސާބުން އީރާނުން ވައްޓާލިތާ ދުވަސްކޮޅެއް ފަހުންނެވެ. މިހާދިސާއާ ގުޅިގެން ގަލްފުގެ މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ