ޖޫރިމަނާ ފައިސާ ދައްކަން އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވައިފި

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް ފަންޑު ފޮއްޓެއް މިއަދު ހުޅުވައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހައްގު ފޮށި"ގެ ނަމުގައި ހުޅުވި އެ ފަންޑު ފޮށި ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑުލައިނާ ތަކުރާރުކޮށް ހިލާފު ވުމުންނެވެ. އެއީ މާލޭގައި އިދިކޮޅުން ބޭއްވި ސައިކަލު ބުރުގައި ގައިދުރުކަން ނެތި، ބައެއް މީހުން މާސްކު ނާޅައި އުޅުމުންނެވެ.
އެކަމާ ގުޅިގެން އިދިކޮޅު ލީޑާޝިޕްގެ ބައެއް އިސް ބޭފުޅުން ވަނީ ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސް ވަހީދާއި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް 1،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ފަންޑު ހުޅުވުމުގެ ގޮތުން ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ފަންޑު ފޮއްޓަކީ ރައްޔިތުންގެ އެދުމުގެ މަތިން ހުޅުވި ފަންޑު ފޮއްޓެއް ކަމަށެވެ. އަދި ފޮއްޓަށް އެއް މަސް ދުވަސް ވަންދެން ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމްގެ އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ފަންޑު ފޮއްޓައް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވިފައިވާ އިރު، ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި ވެސް އެކައުންޓެއް ހުޅުވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށްފަހު ސްލިޕްކޮޅު 7218787 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކުރަންޖެހެ އެވެ.
ފަންޑު ފޮށި ހުޅުއްވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ދައުލަތުގެ ފަރާތުން އެ ކޯލިޝަނުގައި ހިމެނޭ ޕާޓިތަކަށް ފައިސާ ލިބެންޖެހޭ ކަމަށާއި ނަމަވެސް އެ ފައިސާ ނުލިބޭ ކަމަށެވެ. އަދި ފައިސާ ނުލިބުނު ނަމަވެސް ޕާޓީގެ ހަރަކާތްތައް ނުހުއްޓޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ