ފަތާ ޓްރެކަކަށް ރައީސް ޔާމީން ނޭދޭ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރަން ޖަލުގައި ހުންނަވާއިރު ފަތާ ޓްރެކެއް ބޭނުންފުޅު ވެގެން އެދި ވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަލުގައި ހުންނަވާއިރު ރައީސް ޔާމީނަށް މޫދަށް އެރި ވަޑައިގަތުމަށް ފުރުސަތު ނުދެނީ އެ ސަރަޙައްދުގައި ބާރު އޮއިވަރެއް ހުންނާތީ ކަމަށާއި، އެހެންކަމުން މިހާރު މާފުށީގައި ޓްރެކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައި ވެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން އިމްރާން ވިދާޅުވީ މާފުށި ހިއްކަން ފެށުމުން ޖަލު ސަރަހައްދުގެ މޫދަށް ވަރަށް ބާރު އޮއެވަރެއް އައި ކަމަށެވެ. އެހެންވެ، އެ ހިސާބުން ފެތުމުގެ އިންތިޒާމް މެދު ކެނޑުނު ކަމަށެވެ. އަދި އޮއިވަރު ބާރުވެފައިވާތީ އެ ހާލަތުގައި ރައީސް ޔާމީން މޫދަށް ވަޑައިގަތުމަށް ފުރުސަތު ދެއްވަން ދަތިވެފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އެތަނުގައި ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި، މޫދަށް އެރޭނެ އިންތިޒާމް ހަމަ ޖައްސާނަމޭ،" އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ އެ ވާހަކަތަކާ ގުޅުވައި ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލާ އިރު، ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ އެއީ އެ މަނިކުފާނުގެ އަބުރު ކަތިލުމަށް މިނިސްޓަރު އިމްރާން ކުރައްވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ރައީސް ޔާމީން ޔާމީންގެ ފަރާތްޕުޅުން ފަތާ ޓްރެކެއް އަދި އެހެން އެއްޗެއް ހޯދައިދެއްވުމަށްވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ