އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައެއް ނުވޭ: ނަޝީދު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހިޔާނާތުގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
Alhugandu thakuraakoh dhannvan. MMPRC ge faisaa alhugandah libifaeh nuvey https://t.co/dcNOpZ4EI4
— Mohamed Nasheed (@MohamedNasheed) October 1, 2020
އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށާއި އެގޮތުން މިކަމުގެ މަންފާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބުނު ކަމަށެވެ.
އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ވިޔަފާރިތައް ފަށައި ނުހަނގު މުއްސަނދިކަން ހޯދަމުންދާ ކަމަށާއި އުއްމީދަކީ ހަމައެކަނި އޭނާގެ ބަދަލުގައި މިކަމުގައި ޝާމިލުވާ އެހެން ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް އަދީބު ވިދާޅުވިއެވެ.
"ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭނެ، މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި" އަދީބު ވިދާޅުވިއެވެ.
އަދީބުގެ މި ވާހަކަތައް ނަޝީދު ދޮގު ކުރެއްވިއިރު، ހިޔާނާތުގެ ފައިސާ ލިބިފައި ނުވާ ކަމަށް އަދާލަތު ޕާޓީން ވެސް މިއަދު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ