ރައީސް ޔާމީން ވަގުތުން މިނިވަން ނުކޮށްފިނަމަ އިމްރާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ޖާބިރު

މަނީލޯންޑަރިންގެ ކުށް ސާބިތު ވެ، އިއްވި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލައި އެކަން އެގޮތަށް ނުކޮށްފިނަމަ އަންނަ ހޯމަ ދުވަހު ހޯމް މިނިސްޓަރުގެ އިބްރާން އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު އިންޒާރު ދެއްވައިފިއެވެ.
އެހެން ވިދާޅުވެ ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު، ހޯމް މިނިސްޓަރަށް އިންޒާރު ދެއްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ޖާބިރު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް އެއް ހަމަޔަކުން އަމަލުކުރަން ޖެހޭއިރު ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވައި ބެހެއްޓުމުން ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ގެއްލިފައި ވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ، އެކަމާ ބެހޭ މައްސަލައަށް ގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތަަށް މިނިވަން ކުރުމަށް ވެސް ޖާބިރު ވަނީ ގޮވާލައްވައިފައެވެ.
"ޖަލުގައި ތިބި ގައިދީންނަށް އެން ހަމައަކުން އަމަލުކުރަން ޖެހޭއިރު، ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވައި ބެހެއްޓުމުން ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ވަނީ ގެއްލިގައި، ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރައްވާ!" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ޔާމީން ދޫކޮށް ނުލައިފިނަމަ ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ހޯމަ ދުވަހު މަޖިލީހަށް ވައްދާނެ ކަމަށާއި ނަމަވެސް އޭގ ކުރިން މަޝްވަރާއަށް ތައްޔާރު ކަމަށެވެ.
ޖާބިރު އިއްޔެ ވިދާޅުވީ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށްވެސް އިތުބާރު ނުކުރައްވާ ކަމަށާއި ޝާހިދުގެ އިތުބާރު ނެތް ކަމަށްވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޓަކައި 10 މެންބަރުންގެ ސޮއި ބޭނުންވާނެ އެވެ. މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވޭނީ މުޅި މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. އެއީ 44 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ