ކާށިދޫ މީހުން ރެޑްބުލް ހޮވަން ފެށީ ހުއްދަ ނުހޯދައި!

ކ.ކާށިދޫ ފަރަށް ރޭ އެރި ދޯނީގައި، ކޮންޓެއިނަރެއް ހަލާކުވެ، އޭގައި ހުރި ރެޑްބުލްތައް ފަޅުތެރެއަށް ދޫވުމުން ކާށިދޫ މީހުން އެ ތަކެތި ނެގީ ދޯނީގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެފިއެވެ.
ފަރަށް އެރީ އަލިތަރި ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ފަރަށް އެރީ ރޭ 21:15 އެހާކަންހާއިރު އެވެ. އެ ދޯނި ފަރަށް އެރުމުގެ ސަބަބުން ބޯޓަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
އެ ދޯނި ފަރަށް އެރިއިރު، އެ ދޯނީގައި ތިން ރެޑްބުލް ކޮންޓެއިނަރު ހުއްޓެވެ. އޭގެ ތެރެއިން ފަޅައިގެން ގޮސްފައި ވަނީ އެއް ކޮންޓެއިނަރެވެ. އެ ކޮންޓެއިނަރު ފަޅައިގެން ގޮސް، ކާށިދޫ ފަޅު ތެރެއަށް ރެޑްބުލް ކޭސްތައް ދޫވުމުން ރަށުގެ ރައްޔިތުން ވަނީ އެ ކޭސްތައް ނަގައި، އެއްގަމަށް އަރުވާފައެވެ.
އެ ދޯނީގެ އެއްހިއްސާދާރު "ވަގުތު" އަށް މައުލޫމާތުދެމުން ވިދާޅުވީ، އެ ދޯނި ފުން ނުކުރެވިގެން އުޅެނިކޮށް އޭގެން ދެ ކޮންޓެއިނަރު ބޭރަށް ދިޔަ ކަމަށެވެ. އަދި މިއަދު ހުކުރު ގަޑީގައި ދެން އޮތް ކޮންޓެއިނަރު ބޭރަށް ގޮސް، އޭގެން އެއް ކޮންޓެއިނަރުގެ ދޮރުފަތް ނެއްޓުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ހުރިހާ ކަމެއް ދިމާވީ، އެ ދޯނި ފުން ކުރުމަށްޓަކައި ބާޖަކާއި ދޯންޏެއް، އެ ދޯނި ފަރަށް އެރި ތަނަށް ގޮސް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
"އޭގެން އެއް ކޮންޓެއިނަރުގެ ދޮރުފަތް ނެއްޓުނީ، ރާޅާ މިހެން ޖަހާ ޖަހާ، ދޮރުފަތް ނެއްޓުނީމަ ކޭސްތައް ދެން ދާނެތާ ބޭރަށް، ދެން އޮޔާއި ވަޔާއި ހުރި ގޮތަކުން ރަށާއި ދިމާލަށް އެ ދިޔައީ". އޭނާ ވިދާޅުވިއެވެ.
އެ ހިއްސާދާރު ވިދާޅުވީ، އެ ދެ ދޯންޏާއި، ބާޖުގައި ތިބި މީހުން އެއިރު މަސައްކަތް ކުރަމުން ދިޔައީ ދޯނި ފުން ކުރެވޭތޯ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ރެޑްބުލްތައް ނުހޮވަން ފުލުހުންވެސް ކާށިދޫ މީހުންނަށް އެންގި އެވެ. އެހެން ނަމަވެސް އެ ތަކެތި ހޮވީ އެއްވެސް ވަރަކަށް ހުއްދަ ނުހޯދައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދޯނީގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން ކަމަށް އެތަކަތި އެތަނުން ނެގީ ބުންޏަސް އަޅުގަނޑުމެން އެއްވެސް ހުއްދައެއް ނުދެން، މާތް ރަސްކަލާނގެ ގުދުރަތްތެރިކަމުން ޖެހުނު ވަޔާއި ޖެހުނު ރާޅާއި އެއްކޮށް، އެރަށުގެ ފަޅަށް އެ އެއްޗެހި ދިޔައީ" އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެެއްވިގޮތުގައި މިފަދަ ހާދިސާއެއް ދިމާވުމުން ދޯނީގެ ވެރިން ތިބީ ވަރަށް ކަންބޮޑުވެފައެވެ.
"އަޅުގަނޑުމެންވެސް އެ ދޭށޭ ބުނީމަ އަޅުގަނޑުމެންނާއި، ދިމާލަށް މި ބުނީ 100 ރުފިޔާއަށޭ ވިއްކާލާނީ ތި މީހުންނަށް، އަޅުގަނޑުމެން މިއީ އެ މުދާ އުފުލި މީހުން. ކުޅުދުއްފުށިން މާލެ، ޔޫރޯ ސްޓޯރގެ މުދާތަކެއް އެއީ، އަޅުގަނޑުމެންް އެ މުދާ އުފުލި މީހުން ގޮސް ބުނީމަ، އެރަށު މީހުން މި ބުނަނީ ލާރި ދޭށޭ، ލާރި ދިނީމައޭ، މި ކޭސްތައް ދޭނީ" އެ ދޯނީގެ ހިއްސާދާރު ވިދާޅުވިއެވެ.
ދޯނީގެ ވެރިފަރާތުން "ވަގުތު" އަށް ވިދާޅުވީ، އެ ދޯނީން ދޫވި ރެޑްބުލް ކޭސްތަކާއި ގުޅޭގޮތުން އެތައް ބަޔަކު އޭނާ އަށް ގުޅި ކަމަށެވެ. އެ ރެޑް ބުލް ކޭސް ތަކަކީ ޔޫރޯ ސްޓޯރުގެ އެއްޗެއްކަމުން އެއަށް ހަދާނެ ގޮތަކާއި މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުނެފައިވާނެ ކަމަށް ދޯނީގެ ވެރިފަރާތުން ބުންޏެވެ.
"އެ މީހުން ގުޅާވަރުން އުނދަގޫވެގެން އަޅުގަނޑު ބުނިން ތިވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އަޅުގަނޑަކަށް އެހެން ބައެއްގެ މުދާ ބޭނުން ކުރާށޭ ނުބުނެވޭނެއޭ" ދޯނީގެ ވެރިފަރާތުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ