ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތައުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ

ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތައުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ މިއަދު ފާހަގަރަމުން އަންނަ ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ލިޔުންތެރިކަމަކީ ކުޅަދާނަ ހުނަރެއްގެ ގޮތުގައި މިނިސްޓަރު ޔުމްނާ ސިފަ ކުރެއްވިއެވެ. ރާއްޖެ ފަދަ އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވާ ގައުމެއްގެ ތާރީހު، އާދަކާދަތައް އަދި ސަގާފަތް ރައްކާކޮށް އާޖީލުތަކަށް އެކަންކަން އުނގަންނައިދިނުމުގައި ލިޔުންތެރިން އަގު ނުކުރެވޭ ފަދަ ރޯލެއް އަދާ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހި ލިޔުންތެރިންވެސް ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށްދިނުމަށާއި ލިޔުންތެރިކަން ތަރައްގީކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ޔުމްނާ އިލްތިމާސް ކުރެއްވިއެވެ. ދިވެހި ބަހުން ޝާއިއު ކުރެވޭ ލިޔުންތެރި އުފެއްދުންތަކުގެ ތެރެއިންވެސް މަދުން އުފެއްދޭ ބާވަތްތަކުގެ ލިޔުންތައް އިތުރަށް އުފައްދައި، އެ ލިޔުންތައް އާންމު ކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގައި ލިޔުންތެރިކަމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރަކުވެސް ޖުލައި އަށެއްގައެވެ. މިއަދަކީ ރާއްޖޭގައި މިދުވަސް ފާހަގަ ކުރާ 27 ވަނަ އަހަރެވެ. ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި އަށެއް ޖުލައި ފާހަގަ ކުރަނީ މި ދުވަހަކީ ރާއްޖޭގެ ފުރަތަމަ ނޫސް "އަލް އިސްލާހު" ނެރުނު ދުވަސް ކަމަށްވާތީއެވެ. މިއަހަރުގެ ލިޔުންތެރިކަމުގެ ދުވަހުގެ ޝިއާރަކީ "ބުނާނީ ލިޔާނީ ދިވެހިބަހުން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ