އިދިކޮޅުން ކަންބޮޑުވަނީ ރާޑަރުތަކާއި އެކު މަސްތުވާތަކެއްޗާއި މަނީ ލޯންޑްރިންގެ ބޮޑެތި ރޫޓްތަކެއް ހުއްޓޭތީ: ބޮންޑާ

އެމްއެންޑީއެފްއިން ރާޑަރުތައް ބަހައްޓާތީ އިދިކޮޅުން ކަންބޮޑުވަނީ، އެ ރާޑަރުތަކާ އެކު މަސްތުވާތަކެއްޗާއި މަނީ ލޯންޑްރިންގެ ބޮޑެތި ރޫޓްތަކެއް ހުއްޓިގެންދާތީ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމްގައި ވާހަކަދައްވަމުން ބޮންޑާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަމުންދާ ތަނެއް ނުފެންނަ ކަމަށާއި ފެނިގެންދަނީ ރާޑަރުތައް އެކްޓިވޭޓް ކުރަން އުޅުމުން އެކަމާއި ކަންބޮޑުވެގެން އުޅޭތަން ކަމަށެވެ. ނިމިދިޔަ ސަރުކާރުގައި މަސްތުވާތަކެތީގެ ހަބަކަށް ރާއްޖެ ވެގެން ދިޔަކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށްޓަކައި ކަނޑުގެ ސަރަހައްދު ބަހަލައްޓަން ޖެހޭ ކަމަށާއި މިއީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމަކަށް ވެފައި، އެއްވެސް ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.
މިކަމަށް އިތުރަށް ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ ފަހަރަށް ތަހުގީގު ނުނިމި އެފަރާތްތައް މައްސަލަތަކުން މިންޖުވެގެންދަނީ ރާއްޖޭގައި ބޮޑެތި ނެޓްވޯކެއް އޮންނާތީ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިކަން ހުއްޓުވޭނީ ހުއްޓުވޭނީ އިންޓެލިޖެންސް ވަރުގަދަކޮށްގެން ކަމަށްވާއިރު މިކަމާއި އެއްވެސް ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށާއި އިންޑިޔާ އައުޓް ކިޔައިގެން ބަޔަކު ސިޔާސީ މަންފާއެއް ހޯދަން ނުޖެހޭ ކަމަށްވެސް ބޮންޑާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކައެއް އިދިކޮޅު ފަރާތްތަކުން ނުދައްކާ. އިދިކޮޅުން ކަންބޮޑުވެގެން އުޅެނީ ހެލިކޮޕްޓަރެއްގެ މައްސަލަގައި. ޤަވާއިދާ ހިލާފަށް ހެލިކޮޕްޓަރެއް އުދެހެންޏާ އެވާހަކަ އެންމެ ފުރަތަމަވެސް ދައްކާނީ އެމްޑީޕީން ކަމަށް
~ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށާއި މިސަރަހައްދު ބެލެހެއްޓުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ބޮންޑާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓަރކުރުމުގެ ގޮތުން އިތުރު 7 ރާޑަރ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މިއަހަރުގެ ފަހުކޮޅު ޖުމްލަ 10 ރާޑަރު ސިސްޓަމް ރާއްޖޭގައި ހުންނާނެކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އައު 7 ސިސްޓަމާއެކު ކުރީގައި ބެހެއްޓިފައިވާ 3 ސިސްޓަމް އަޕްގްރޭޑްކުރެވި މުޅި ރާއްޖެ ސަރަހައްދު ބަލަހައްޓައި ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާޑަރ ސިސްޓަމާއި އެކު އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމެއްވެސް ލިންކު ކުރެވިފައިވާނެކަމަށާއި އެމެރިކާ ސަރުކާރުން ވެސް އެ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ގާއިމްކުރެވޭ ސިސްޓަމްތައް ފުރިހަމަވެފައި ކޮމިއުނިކޭޓް ކުރެވޭނެ އިންތިޒާމްތަކާއި ސަރަހައްދު ފެންނަ ގޮތަށް 7 ކިލޯމީޓަރާއި 5 ކިލޯ މީޓަރ ފެންނަވަރުގެ ނައިޓް ވިޝަން ކެމެރާއެއް ހުންނާނެކަމަށާއި، ވަގުތުން ވަގުތަށް އެ ފޮޓޯތަކާއި ވީޑިއޯތައް ހެޑްކުއާރޓަރސްއަށް ލިބޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ