މަދު ބަޔަކަށް ސަރުކާރު ހިމޭންކުރެވެންޏާ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން ނުހުއްޓޭނެ: ދުންޔާ

މަދު ބަޔަކަށް ސަރުކާރެއް އެކީ ހިމޭންކުރެވޭނަމަ، ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ނުހުއްޓޭނެ ކަމުގައި ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިފަދައިން ވިދާޅުވީ އެކަމަނާ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓު އެކަމަނާ ޚާއްޞަކުރައްވާފައިވަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ ފަރާތްތަކަށެވެ. ޚާއްޞަކޮށް ކޮރޯނާ ވައިރަސް ފެތުރިގެން އައިސް ބޯޑަރުތައް ބަންދުވެ، މުޅި ރާއްޖެ ފުރަބަންދަކަށް ގެންގޮސްފައި އޮތް ދަނޑިވަޅުގައި ހިނގައިދިޔަ އެ ޒާތުގެ ބައެއް ކަންކަމާ ގުޅިގެން ދުންޔާވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން އެކަމަނާ ކުރެއްވި ޓުވީޓުގައި ސުވާލުކުރައްވާފައިވަނީ ފުރަބަންދުގެ ތެރޭގައި ރިޕޯޓުކުރެވުނު ރޭޕު ކޭސްތަކަށް ވެގެންދިޔައީ ކިހިނެއްތޯއެވެ. ފުރަބަންދުގެ ތެރޭގައި ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި އެއް ވާހަކައަކީ އެ ދުވަސްވަރު ދިވެހިރާއްޖޭގައި މަސައްކަތްކުރި ކެންޔާ އަންހެނަކަށް ދެ މީހަކު ޖިންސީ ފުރައްސާރުކުރި ވާހަކައެވެ. ޚަބަރު ފެތުރުނު ގޮތުގައި މިކަމުގައި ތުހުމަތުކުރެވޭ ދެ މީހުންނަކީވެސް ސަރުކާރުގެ އެންމެ މަތީ ފަނޑިޔާ ގުޅިފައިވާ ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކީ މަޖިލިސް މެންބަރެއްގެ ފިރިކަލުން ކަމަށްވެސް މީސްމީޑިޔާގައި އަޑު ފެތުރުނެވެ. ދެވަނައަށް މި ފުރަބަންދުގެ ތެރޭގައި ފެންމަތިވި މައްސަލައަކީ ފަތުރުވެރިކަމާ ބެހޭ ކުރީގެ ވަޒީރު ޢަލީ ވަޙީދުގެ މައްސަލައެކެވެ. އެ ވުޒާރާގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޢަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނަވައިގެން ޖިންސީ ފުރައްސާރަކުރި ކަމުގައި އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކެއް ތުހުމަތުކުރުމާ ގުޅިގެން އޭނާވަނީ ވަޒީރުކަމުން ވަކިކުރެވިފައެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި ދައުވާ އުފުލާފައިނުވެއެވެ. މިކަންކަމަށް އިޝާރާތްކުރައްވައި ދުންޔާ ކުރެއްވި ޓުވީޓުގައި ސުވާލުކުރައްވާފައިވަނީ މިކަންކަމުގައި ކުށްކުރި ފަރާތްތައް ކޯޓާ ހަމައަށް ގެންދެވިއްޖެތޯއާއި، މި ކުށްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކަށް ޢަދުލު އިންސާފު ޤާއިމުކުރެވިފައިވޭތޯއެވެ. ދުންޔާ އިތުރަށް ވިދާޅުވީ، މަދު ބަޔަކަށް ސަރުކާރު ހިމޭންކޮށްލެވޭނެމަ، މިފަދައިން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން އޮންނާނީ ޢާންމުވެ ފެތުރިފައި ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ