ޖަޕާނުން ރާއްޖެއަށް އަހަރަކު ހަ ސްކޮލާޝިޕް ދެނީ

ޖަޕާނު ސަރުކާރުގެ އެހީގައި ކޮންމެ އަހަރަކު ރާއްޖެއަށް ހަ ސްކޮލާޝިޕް ދޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގައި އިންސާނީ ވަސީލާތްތައް އިތުރަށް ތަރައްގީ ކުރަން އެހީވުމުގެ އަމާޒުގެ ދަށުން އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
އެ އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކަށް ސްކޮލާޝިޕްގެ ފުރުސަތު ޖަޕާނު ސަރުކާރުގެ އެހީގައި ފަހިކޮށްދޭނެ އެވެ.
ޖަޕާނު ސަރުކާރުގެ ދީލަތި އެހީއަށް ޝުކުރު އަދާކުރައްވަމުން، މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތަށް އެ ސްކޮލަޝާޕްތަކުގެ ސަބަބުން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ، ތައުލީމީ އަދި ތިމާވެށީގެ ދާއިރާއިން ޖަޕާނު ސަރުކާރުން އަބަދުވެސް ގިނަ އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.
އޭގެ އިތުރުން، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށްވެސް ޖަޕާނު ސަރުކާރުން ވަނީ ގިނަ އެހީތަކެއްވެފަ އެވެ.
އެގޮތުން، ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ދީފަ އެވެ.
އަދި ޔޫއެންޑީޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ރާއްޖެއަށް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ