ރައީސް ޔާމީން ފުލުހަށް ހާޟިރު ކުރީ އޭސީސީ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިއަދު ފުލުހުންގެ އިދާރާ އަށް ހާޟިރު ކުރައްވާ ސުވާލު ކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ހުށަހެޅި މައްސަލައަކާ ގުޅިގެންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އޭސީސީގެ ބާރު ފޯރާ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ބައެއް ފައިސާއަކީ އެމްއެމްޕީއާރްސީން އެސްއޯއެފް ނެގި ފައިސާކަމަށް ތުހުމަތު ކުރާ ކަމުގައެވެ. އެކަމުގައި ތުހުމަތު ކުރެވިދާނެކަމަށާއި އެހެންނަމަވެސް، އެކަން ސާބިތު ކުރެވިފައި ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން މި ބެހެއްޓި ފައިސާ އަކީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އަޅުގަނޑުގެ އެކައުންޓަކުން ދިން ފައިސާތޯ، ނޫނީ މިއީ އެސްއޯއެފްގެ އެކައުންޓަކުން އަޅުގަނޑުގެ އެހެން އެކައުންޓަކަށް ދިން ފައިސާތޯ ޗެކެއްތޯ، މިއުޅެނީ. އެއް މިލިޔަން ޑޮލަރު އެހެރީ އެއް މިލިޔަން ޑޮލަރުގެ ގޮތުގައި ބަހައްޓާފައި. ދެން އެބޭފުޅުން އެތުހުމަތު ކުރައްވާ ކަމެއްގައި، އަޅުގަނޑު ވަރަށް ހިތްހަމަ ޖެހުނީސް އޭސީސީން އަޅުގަނޑަށް ކުރިން އައްސަވާލެއްވިނަމަ. ކިހިނެއްތޯ ވެފައި މިއޮތީ." ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އޭސީސީގެ ބެލުމުގެ ދަށުގައި ފައިސާ ބަހައްޓާފައިވަނީ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށެވެ. އަދި ކުރިން ހިތްހަމަ ނުޖެހޭ ކަމެއް އޮތްކަމަށްވާނަމަ އެކަން އަންގަން ޖެހޭކަމަށާއި މިއީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހެދި އިދާރީ އެގްރީމެންޓެއްކަމަށްވެސް ވިދާޅުވިއެވެ.
"އޭސީސީއާވެސް މިއުޅޭ މައްސަލައަކީ އަޅުގަނޑާ އޭސީސީއާ އެގްރީމަންޓް ކުރެވިފައި އެބަ އޮތް. އެ އެގްރީމަންޓާ އެއްގޮތަށް ތަބާވެ، ފައިސާ އަޅުގަނޑު ޖަމާކޮށްފައި، އަޅުގަނޑު ހިތުން އެފައިސާ އެހުރީ ޖަމާކޮށްފައި، އެކައުންޓުގައި އެފައިސާ އެބަހުރި. ހަމަ އެއް މިލިއަން ޑޮލަރުގެ ފައިސާ އެބަހުރި. އޭގައި އެބޭފުޅުން އެނަންގަވަނީ އިޖުރާއީ މައްސަލައެއް." ޔާމީން ވިދާޅުވިއެވެ.
"އެހެންނަމަވެސް، އިޖުރާއީ މައްސަލައެއް ނަންގަވާއިރު އެބޭފުޅުންވެސް އަޅުގަނޑު ކައިރީ ވިދާޅުވެދެއްވަން ރަނގަޅު މިއޮއްހާ ދުވަސް ވެގެން ދިޔައިރު މި އެގްރީމަންޓަކީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު ސޮއި ކުރެވުނު އެގްރީމަންޓެއް. ފައިސާ ޖަމާކުރެވިފައި މި އޮންނަނީ ޖޫން މަހުގެ ކުރީކޮޅު. އެހެންވީމާ މިއޮއް ހުރިހާ ދުވަހު ހިތްޕުޅު ހަމަނުޖެހޭ ކަމެއް އޮތިއްޔާ، މިއީ އިދާރީ އެގްރީމެންޓެއް. އަނެއްކާ އަޅުގަނޑުވެސް އިސްވެ ސޮއި ކުރަން ބޭނުންވީ ވަކި އެކައުންޓެއްގައި މި ފައިސާ ބަހައްޓަން. އެއީ މި ފައިސާ އަކީ ވަކި ޤާނޫނާ ޚިލާފު ފައިސާއެއްކަމަށް ނިންމާފައި އޮތީމައެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ މި މައްސަލަ އޭސީސީން ފުލުހަށް ގެންދިޔައީމާ ހިތުގައި އެހެން އިހުސާސްތަކެއް އުފެދޭކަމުގައެވެ.
"މި މައްސަލަ އޭސީސީން ގެންދެވީމާ ހިތުގައި އެހެން އިހުސާސްތަކެއް އުފެދޭ އިނގޭތޯ." ޔާމީން ވިދާޅުވިއެވެ.
ހަމައެހެންމެ، އެގްރީމަންޓަކީ ހެޔޮ ނިޔަތުގައި ކުރި ކަމެއްކަމަށާއި، އެފައިސާ ބަހައްޓަން ކޮންމެހެން ނުވެސް ޖެހޭކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑާ އޭސީސީއާ ދެމެދު އޮތް އެގްރީމެންޓަކީ ރަނގަޅު، އިން ގުޑް ފެއިތު ކަން، އަޅުގަނޑުވެސް އިސްވެ އަޅުގަނޑުވެސް ހަމަ ފައިސާ ބަހައްޓަން ބޭނުންވެޔޭ ބުނެގެން ކޮށްފައި އޮތް އެގްރީމެންޓެއް. ޙަޤީޤަތުގައި އެފައިސާ އަޅުގަނޑު ބަހައްޓާކަށް ނުވެސް ޖެހޭ." ކުރީގެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ