ސުއޫދުގެ މައްސަލަ ބަލަން ނިންމާފައިވަނީ ފަނޑިޔާރުންނަށް ދީފައިވާ ބާރުތަކުގެ ބޭރުން: ހިސާން

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުންވާކަމަށް ވިދާޅުވެ ގޮތްނޭނގޭ މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވަނީ ގާނޫނުއަސާސީން ކޯޓުތަކާއި ފަނޑިޔާރުންނަށް ދީފައިވާ ބާރުގެ ބޭރުންކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ވަނީ ހުސްނުއްސުއޫދު ކްރިމަނަލް ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލާ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާގޮތަށް މީޑިޔާއަށް މައުލޫމާތުދެއްވައި ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެމައްސަލަ ”ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދު“ ގެ 5 ވަނަ މާއްދާގެ ށ.ގެ ދެވަނަ ނަންބަރުގެ ދަށުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ހިސާން ވިދާޅުވީ ފަނޑިޔާރުންނަކީ ނިޔާ ކަނޑައަޅާ ބައެއްކަމަށާ އެއީ އެއްވެސް ހާލެއްގައި މައްސަލަ ތަހުގީގުކޮށް އެމައްސަލައާ މެދު ގޮތް ނިންމަވަން ތިއްބަވާ ބައެއް ނޫންކަމަށެވެ. ހިސާން ވިދާޅުވީ ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއްކޮށްފިނަމަ ފިޔަވަޅު އެޅުމުގެ ބާރު ފަނޑިޔާރުން ލިބިދީފައިވާކަމަށެވެ.
ނަމަވެސް އެނޫން ހާލަތެއްގައި މީހަކު ދައްކާ ވާހަކައަކާއި ގުޅިގެން އެއީ ކޯޓްގެ ހުރުމަތް ކެނޑުންކަމަށް ބަލާ، އެމީހެއްގެ މައްސަލަ ބެލުމަކީ ދުނިޔޭގެ ކުރިއަރާފައި އަދި ޑިމޮކްރަޓިިކް އެއްވެސް މުޖްތަމައުއެއްގައި ކަންކަން ކުރަމުންދާގޮތް ނޫންކަމަށެވެ. އެހެންކަމުން ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވަނީ ގާނޫނުއަސާސީން ކޯޓުތަކާއި ފަނޑިޔާރުންނަށް ދީފައިވާ ބާރުގެ ބޭރުންކަމަށް ހިސާން ވިދާޅުވިއެވެ.
ފަނޑިޔާރުންނާއި ގޭންގުތަކާއި ގުޅުންއޮންނަ ކަމަށް ވިދާޅުވެ ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީ ޗެއަރ ކުރައްވަން ހަމަޖައްސާފައިވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތެވެ.
ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުންއޮންނަ ކަމަށް ވިދާޅުވެ އެވާހަކަފުޅު ސުއޫދު ދެއްކެވީ ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ސުއޫދު ވިދާޅުވީ ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތުނުކުރާކަން ފާހަގަކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ