ކާނަލް ނާޒިމަށް ވެސް ރިޓަޔަމަންޓް ފައިސާ ނުދޭ ކަމަށް އެމްއެންޑީއެފުން ބުނެފި

ކުރީގެ ސިފައިންގެ ކާނަލެއްގެ މަގާމުގައި ހުންނެވި މުހައްމަދު ނާޒިމަށް ރިޓަޔަމަންޓް ފައިސާ ނުދޭ ކަމަށް އެމްއެންޑީއެފް އިން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
ރިޓަޔަމަންޓް ބެނެފިޓް ނުދީގެން ކުރީގައި ސިފައިންގޭގައި އުޅުނު މުހައްމަދު އަހުމަދު ދީދީ ދައުވާ ކުރާ މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަމުން އެމްއެންޑީއެފްގެ ވަކީލު ވިދާޅުވީ ރިޓަޔަމަންޓު ގަވާއިދަށް އަމަލު ކުރުން ނޮވެމްބަރު 25، 2008ގައި ހުއްޓާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެއްވެސް މީހަކު އެ ގަވާއިދުގެ ދަށުން ރިޓަޔާކޮށްފައިނުވާނެ ކަމަށާއި އެ ގަވާއިދުގެ ދަށުން ދޭން ޖެހޭ ބެނެފިޓް ވެސް ދީފައިނުވާނެ ކަމަށެވެ.
ދީދީގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ނޮވެމްބަރު 25، 2008ގެ ފަހުން ރިޓަޔާކޮށްފައި ހުރި ބައެއް މީހުންނަށް ގަވާއިދުގައިވާ ގޮތުގެ މަތިން ފައިސާ ދެމުން ގެންދާ ކަމަށެވެ. ވަކީލު ހުށަހެޅުއްވި 10 ނަމުގެ ތެރޭގައި ކާނަލް މުހައްމަދު ނާޒިމްގެ ނަން ވެސް ހިމެނެ އެވެ. އެކަމަކު އެމްއެންޑީއެފްގެ ވަކީލު ވިދާޅުވީ އެމީހުންނަކީ ގަވާއިދުގެ ދަށުން ރިޓަޔާކޮށްފައިވާ މީހުން ނޫން ކަމަށާއި ކާނަލް ނާޒިމަށް ވެސް ރިޓަޔަމަންޓް ބެނެފިޓް ނުދޭ ކަމަށެވެ. އަދި ވިދާޅުވީ އުމުރުން 60 އަހަރުވުމުންނާއި ހަ މަސް ދުވަސް ކުރިން އަންގައިގެން މިހާރު ވެސް ރިޓަޔާކޮށްދެމުން އަންނަ ކަމަށާއި އެމީހުންނަށް ރިޓަޔަމަންޓް ބެނެފިޓް ވެސް ދޭ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ނިހާޔަތު އެންގެވީ އެމްއެންޑީއެފް އިން ރިޓަޔާ ކުރުމުގައި ގެންގުޅޭ އުސޫލު ކޯޓަށް ހުށަހެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ