ނާޒިމް ސައްތާރު، ކާނަލް ނަޝީދު އަދި އަލަމްގިރި ރާއްޖެއިން ފުރުން މަނާކޮށްފި

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ މައްސަލާގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި، ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ އިތުރުން، ބަންގްލަދޭޝްގެ އަލަމްގިރި، ރާއްޖެއިން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި އެމުއައްސަސާއިން ބުނީ، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން އެ 3 މީހުން ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ.
ޖޫން މަހުގެ 24 ވަނަ ދުވަހު އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އެ މައްސަލައާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ އެހެން މައްސަލައަކާއި ގުޅިގެން ނާޒިމްގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓާފައިވަނީ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.
ނާޒިމް ސައްތާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްވެސް ވަނީ ލީކްވެފައެވެ.
މީސްމީޑިއާގައި އެންމެ ފަހުން އާންމުވެފައި ވަނީ ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކު އަލަގިރީގެ ކޮޓަރިއަށް ގޮސްއުޅޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެކޮޓަރިއަށް ދިޔަކަމަށް ކާނަލް ނަޝީދު އަމިއްލައަށް އެއްބަސްވެފައިވާއިރު، އޭނާ ވިދާޅުވާ ގޮތުގައި ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލަމްގިރި އެއްބަސްވީނަމަވެސް، މިހާތަނަށް ފުލުހުން އޭނާވެސް އަދި، މިމައްސަލާގައި ހިމެނޭ އެހެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ގިނަ ފަރާތްތަކުން ދަނީ ވީޑިއޯތަކުގެ މައްސަލަ ތަހުގީގުކޮށް އެ އެންމެން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ