އަޅުގަނޑުމެން މިދަނީ އަދާލަތާއި ވާހަކަދައްކަމުން – ޔާމީން

އަދާލަތު ޕާޓީ އާއި އެކު ކޯލިޝަން ހެދުމަށް އެޕާޓީ އާއި ވާހަކަދައްކަމުންދާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން މިރޭ ގެނެސްދިން ޔާމިނުގެ ހާއްސަ އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ރައީސް ވަޙީދުގެ ކޯލިޝަނުން އަދާލަތު ވަކިވުމަކީ އެންމެ ރަނގަޅަށް ނިންމެވި ނިންމުމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އަދި މިފަހަރު އަދާލަތު ޕާޓީ އިން ޕީޕީއެމްއާއި އެކު މަސައްކަތް ކުރައްވަން ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މިހާރު އަނެއްކާވެސް މިއޮތީ އަދާލަތައް ފުރުސަތު ހުޅުވިފައި އެމްޑީޕީ ވެރިކަމަށް އަޔަ ނުދިނުމަށް ޓަކައި ކުރައްވާ މަސައްކަތުގައި އެބޭފުޅުން ސާބިތުވެ ތިއްބަވާ ކަމުގައި ވަންޏާ އަޅުގަނޑު ގަބޫލު ކުރަނީ ޕީޕީއެމް އާއި ގުޅިވަޑައިގަތުމަކީ މުޅި ދިވެހި ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެ ކަމެއް." ޔާމީން ވިދާޅުވިއެވެ.
އަދި އަދާލަތު ޕާޓީއިން އެހެން ޕާޓީ ތަކާއި ވާހަކަދައްކަމުން ދާކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އަދާލަތު ޕާޓީ އިން ވާހަކަދައްކަމުން ދަނީ ކޮންޕާޓީ ތަކަކާއި ކަމެއް ޔާމީން ވިދާޅެއް ނުވެއެވެ.
އަދާލަތު ޕާޓީ އިން ރައީސް ވަޙީދުގެ ގައުމީ އިއްތިހާދު ޕާޓީ އާއި ހަދާފައިވާ ކޯލިޝަނުން ވަކިވެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައި ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުން ރައީސް ވަޙީދުގެ ކޯލިޝަނުން ވަކިވުމަށް ނިންމުމުންނެވެ.
އަދާލަތު ޕާޓީން އެރޭ ބުނެފައި ވަނީ ރައީސް ވަޙީދުގެ ކޯލިޝަނުން ވަކިވީ ކޯލިޝަން ތެރޭގައި އަޑި ނޭންގޭ ކަންތައް ތަކެއް ހިނގަމުންދާތީ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލިލެއް އެޕާޓީއަކުން މީޑިއާ އާއި ހިއްސާކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ