ހޮނިހިރުދުވަހުގެ ރެއިންފެށިގެން މާލެ ސަރަހައްދުގެ ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ރޭގަނޑު 8:00 ގައި ބަންދުކުރަން އަންގައިފި

27 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރަން ނިންމައިފިއެވެ.
މި ނިންމުން ހާމަކޮށްފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ބުރާސްފަތި ދުވަހުގެރޭ އާންމު ކުރެއްވި، މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުމުގެ އެންގުމުގައެވެ.
އެ އެންގުމުގައި، 27 ފެބުރުވަރީ އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް، މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން އަންގާފައި ވެއެވެ.
އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން އަންގާފައި ވެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރި ކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެެ ގާނޫނުގެދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެގޮތުން، ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރޗް 2020 ގައި މިނިސްޓަރ އޮފް ހެލްތު އިއުލާންކޮށްފައި ވީހިނދު، ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފްް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެދަށުން، 2021 ފެބްރުއަރީ 27 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް އަންނަނިވި ފިޔަވަޅު އެޅުމަށް އަންގަވާ ކަމަށެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި، ފަރާތްތަކަށް އަންގަވާފައި ވެއެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް އެންމެހާ ފަރާތްތަކަށް އަންގަވާފައި ވެއެވެ.
މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު ހިމެނޭގޮތުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހާ ތަންތަން އެއް ހަފްތާގެ މުއްދަތަށް ރޭގަނޑު 8:00 ގައި ބަންދުކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންގެވިއިރު، ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ބުރާސްފަތި ދުވަހު މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާ ކަމަށާއި، މާލެ ސަރަހަށްދު މިހާރުއޮތީ ފުރަބަންދުކުރާ ހާލަތުގައިކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލުން ނެއްޓިފައި ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މާލެ ސަރަހައްދު ފުރަބަންދު ކުރަންޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުރަބަންދަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ހަމަ އެއާއެކު، މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ރާއްޖެއިން 184 މީހުން އަލަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 145 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ބަލި ފެތުރުން ހުއްޓުވަން ނުވަތަ މަދުކުރަން އަޅާ ފިޔަވަޅެއްގެގޮތުން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ރޭގަނޑު 8:00 އިން ފެށިގެން ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް، އެފަދަ ތަންތަނަށް މީހުން ގޮސްގެން ޚިިދުމަތް ހޯދުމަށް ބަންދުކުރަން ނިންމެވިއިރު، މާލެ ސަރަހައްދުގައި މިހާރުވެސް އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކުރައްވާފައެވެ.
އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުންވެސް ވަނީ މަނާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ