ކައުންސިލް އިންތިހާބު: ފޭދޫ މާދެލަ ވޯޓު ފޮށްޓަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކޮށްފި

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫ މާދެލަ ދާއިރާގެ ވޯޓު ފޮށްޓަކުން ވައްކަން ކޮށްފައިވާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.
ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓު ފޮށްޓެއްގައި ކަރުދާސްކޮޅެއް ގިނަ ވުމަކީ ވައްކަން ކޮށްފި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. ނިހާދް ވިދާޅުވީ އީސީގެ ގާނޫނީ ވާޖިބަކީ މިނިވަންކަމާއި، އިންސާފުވެރި އަދި އިތުބާރު ކުރުވަނިވި ވޯޓުލާނެ މާހައުލެއް ގާއިމުކޮށްދީ ވޯޓުގެ ހާމަކަމާއި އިތުބާރު ކަށަވަރު ކުރުންކަމަށެވެ.
ނިހާދު ވިދާޅުވީ ފޭދޫ މާދެލަ 2 ނަމްބަރު ވޯޓު ފޮށި (S10.2-387)ގައި އެއް ކަރުދާސްކޮޅު އިތުރުކަމަށް އޮފިޝަލުން މައުލޫމާތު ދޭކަމަށެވެ.
"އެއޮތީ ކަރުދާހެއް ބޭރަށް ނެރެގެން ބޭނުންވާ މީހާއަށް ވޯޓު އަޅުވައި ނަތީޖާ ބަދަލުކޮށްފައި." ނިހާދުގެ ޓްވީޓްގައިވެއެވެ.
ނިހާދް ވަނީ އެ ފޮށީގެ ވޯޓު އަލުން ގުނައި އިތުބާރު ކުރެވޭ ނަތީޖާއެއް ނެރުމަށް ވެސް ގޮވާލައްވާފައެވެ.
S10.2-387 gai 1 karudhaas gina kamah officialun eba Mauloomaath dhey! Eothee karudhaaheh beyrah nerigen, beynun vaa meehaa ah vote alhuvai natheejaa badhalu kohfa! Mifadha vote fotteh alun balai karudhaas Vaanama baathil koh ithubaar kurevey natheejaa Eh neredhinumakee waajib Eh!
— Feydhoo Meehaa (Mohamed Nihad) (@nihad_m) April 15, 2021
ވަގުތީ ނަތީޖާ ދައްކާގޮތުން ފޭދޫ މާދެލަ 2 ނަމްބަރު ވޯޓު ފޮށިން 230 ވޯޓާއެކު ކުރި ހޯދާފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު ފައިސަލްއެވެ. އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝިޔާޒަށް އެފޮށިން ލިބިފައިވަނީ 185 ވޯޓެވެ. 
ފޭދޫ މާދެލަ ދާއިރާ ކާމިޔާބު ކޮށްފައިވަނީ ވެސް ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު ފައިސަލްއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ފައިސަލްއަށް 615 ވޯޓު ލިބިފައިވެއެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް ޝިޔާޒަށް ލިބިފައިވަނީ 593 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ