ރާއްޖެޓީވީ ނޫސްވެރިޔާ ފަޒީން، ބްރޯޑްކޮމްއަށް އައްޔަން ކުރަން ރުހުން ދީފި

ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށްް ރާއްޖެ ޓީވީ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެެ. އެ މަގާމަށް ރައިސް ފޮނުވި 11 މީހުންގެ ތެރެއިން ރައީސް ފޮނުވި ތަރުތީބުން، މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ރުހުން ދިނީ ފަޒީންއާއި ވީޓީވީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ. ފަޒީންއަށް ރުހުންދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވި އެވެ. ފަޒީންއަށް ރުހުން ލިބުމުން ޝިފްޒާގެ ނަމަށް ވޯޓަށް ނާހައެވެ. ފަޒީން ވަނީ މީގެ ކުރިންވެސް އެ މަގާމަށް ކުރިމަތިލާފައެވެ. އެހެން ނަމަވެސް އެފަހަރު މަޖިލީހުން ރުހުން ދިނީ ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު އަމީނާއަށެވެ. https://sun.mv/148793
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ