ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިންމީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނެރުއްވި އަމުރުގައިވަނީ، ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހެއް ދޫކޮށްލުމަށެވެ.
މި ތިން މީހުންނަކީ ފަހުމީ އަލީ، ޔާސީމް އަދި އިޝްހާގް ނަމަކަށް ކިޔާ ތިން މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައެެވެ.
އެމީހުން ދޫކޮށްލާފައިވަނީ ކޮށް ސަބަބަކާއި ހުރެ ކަމެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ހަމަލާއާއި ގުޅުންހުރި 8 މީހަކު މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެހުރިހާ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނަވަރު ހާމަކޮށްފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރާ މީހުންނެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.
ތުހުމަތުގައި ހައްޔަރުކުރި ތިންމީހަކު ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ