ޤާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން މުހިއްމު: ރައީސް ނަޝީދު

ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ކައުންސިލު އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚު ކަމުގައިވާ މާޗު މަހުގެ 6 ވަނަ ދުވަހުގައި އިންތިޚާބު ނުބޭއްވޭނެކަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ކަށަވަރުކޮށްދެއްވާފައިވަނިކޮށެވެ. ޝަރީފު ވިދާޅުވި ގޮތުގައި ކައުންސިލު އިންތިޚާބު ބޭއްވުމަށްޓަކައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވައިލަންޖެހޭ ކަމަށެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުހުލަތު އިތުރުކުރުމަށް ނިންމައި، ފެބްރުއަރީ މަހާ ހަމައަށް ޞިއްޙީ ކުއްލި ނުރައްކާ ދަންމައިލުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދިޔައީ ޖަނަވަރީ މަހުގެ ނިޔަލަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނުނިމޭނަމަ، ކައުންސިލު އިންތިޚާބު ތާވަލުކުރި ތާރީޚުގައި ބާއްވަން ދަތިވާނެ ކަމަށެވެ.
ކައުންސިލު އިންތިޚާބު ފަސްކޮށްފައިވަނީ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެސް އެއިރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދަންމައި، އިތުރު ޚާއްޞަ ޤާނޫނެއް ފާސްކޮށްގެންނެނެވެ.
ރައީސް ނަޝީދުގެ ޓުވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ކައުންސިލު އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލު އިންތިޚާބު އަވަސްކުރަން ޤާނޫނަށް ބަދަލެއް ގެންނަންޖެހޭނަމަ އެ ބަދަލުވެސް ގެންނަންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ