ބ ފުޅަދޫ އާއި ފެހެންދޫގެ ރައްޔިތުން ތަހައްމަލު ކުރި ލަފާފުރުމުގެ ދަތިކަން ނިމުމަކަށް އަންނަނީ

ލަފާ ފުރުމުގައި ބ ފުޅަދޫ މީހުން މިއަދާއި ހަމައަށް އައީ ދިޔަވަރަށް ބަރޯސާވަމުންނެވެ. ބަލިވެ ފުރާނައަށް ނުރައްކާ ވާހިސާބަށް ދިޔަސް ރަށުން ފުރޭނެ ގޮތެއް ނޯވެއެވެ. އެތައް ވެރިކަމެއް ނިމި ދިޔައިރުވެސް ސަރުކާރުތަކުން އޮތީ ފުޅަދޫ ރައްޔިތުން އުޅޭނެ ހާލެއްގައިއުޅެން ދޫކޮށްލާފައިކަމަށް ފުޅަދޫ ރައްޔިތުންނާއި ކައުންސިލުން ބުނެފައި ވާއިރު، މިމައްސަލަ ހައްލުކޮށްދިނުމަށް، މިދެރަށުގައި ނަމޫނާ ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިސަރުކާރުން ފަށައި، ރައްޔިތުންނަށް ވަނީ އުއްމީދު ގެނެސްދީފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ލަފާފުރުމުގެ މައްސަލަ ހައްލު ނުކުރެވިއޮތީ ވަރަށް މަދުރަށެއްގައެވެ. އޭގެ ތެރެއިން އެއްރަށަކީ، ބ ފުޅަދޫއެވެ. ދެހާހުގެ އަހަރުތަކުގެ ކުރީ ކޮޅު ފަތުރުވެރިކަން ބ.އަތޮޅަށް ފުޅާވެގެން ދިއުމާއެކު، ރިސޯޓްތަކުގެ އެހީތެރިކަމާއެކު އަތޮޅުގެ ގިނަ ރަށްރަށުގެ ފަޅުފުންކޮށް ބޮޑެތި ދޯނިފަހަރުތަކަށް ކައިރިކުރެވޭގޮތަށް ހެދިއެވެ.
މިގޮތުން ބައެއް ރަށްރަށުގައި އެއްގަމު ވާޓަރެއްލައި ކަނޑު ތޮށި ޖެހުމުން ފައިދާވަމުން އައީ ހަމައެކަނި އެ ރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެއް ނޫނެނެވެ. އޭގެ ފައިދާ އަތޮޅަށާއި އެރަށްރަށަށް ޒިޔާރަތްކުރާ އެހެން ދަތުރުވެރިންނަށްވެސް އައީ ލިބެމުންނެވެ.
ބ.އަތޮޅުގެ އެންމެ ހިތްގައިމު ގުދުރަތީ ގޮތުން ރީތި އެއްސަރަހައްދުގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ގޮއިދު އަތޮޅުގައި ހިމެނޭ ފުޅަދޫ އަދި ފެހެންދޫ ރައްޔިތުން މިއަދާ ހަމައަށްވެސް ލަފާފުރުމުގައި ބަރޯސާ ވަމުން ދިޔައީ ދިޔަވަރަށެވެ. މި ދެރަށު ރައްޔިތުން މިހާތަނަށް އައިއިރު މުދާ ރަށުން ބޭރުކުރުމަށާއި ރަށަށް މުދާ ގެނައުމަށް ބޭނުން ކުރަނީ އެއްފަޅެއްގައި އޮންނަ ބ ގޮއިދޫ ބަނދަރެވެ.
މަސްވެރިކަން ކުރާ މި ދެރަށުގެ ރައްޔިތުން ރަށަށް ވަންނަންވެސް ބޭނުންކުރަނީ ގޮއިދޫ ފަޅަށްވަންނަން ހަދާފައިވާ ނެރެވެ. އެ ނެރުން ވަދެގެން ތިލަ ފަޅުތެރެއިން ފުޅަދޫ އާއި ފެންދޫއަށް ދަނީ ދިޔަވަރަށް ބަލައިގެންނެވެ. އާންމުކޮށް މިހާރު މި ދެރަށުގެ ރައްޔިތުން ދަތުރުކުރުމަށް މިހާރު ބޭނުންކުރަނީ، ކުދި ޑިންގީ ތަކެވެ. ފަޅުން ނޫންގޮތަކަށް މި ދެރަށައް ކައިރި ކުރަން ބޭނުންވާނަމަ، ދަތުރުކުރަނީ ގޮއިދޫން ފުރައިގެން 45 މިނެޓް ދުއްވައިގެން ދޮރު ކަނޑު ނެރުން ވަދެގެންނެވެ. އެމަގުން ދަތުރު ކުރުމަކީ އިތުރު ފައިސާ އާއި ހަކަތަ އަދި ވަގުތު ހޭދަވާ ކަމެކެެވެ. އަދި އެގޮތަށް ދަތުރުކުރެވޭނީވެސް ހަމައެކަނި މޫސުމް ރަނގަޅު ދުވަސްތަކުގައެވެ.
ބ އަތޮޅު ފެރީ އާއި މާލެއިން އަންނަ ލޯންޗު ފަހަރާއި. މުދާ އުފުލާ ބޯޓުފަހަރު މީގެ ކުރިން ފުޅަދޫ އާއި ފެހެންދޫއަށް ކައިރިއެއް ނުކުރެއެވެ. މާލެއިން ގެންނަ މުދަލާ، އެހެންވެސް ބޭނުންތައް ކުރުމަށް ގެންނަ އެއްޗެއް ގެންނަނީ ހަމަ އެކަނި އެފަޅުތެރޭގައި ބަނދަރު އޮންނަ ގޮއިދޫއަށެވެ. އެހެން ކަމުން ގޮއިދޫ ބަނދަރަށް ބާލާ މުދާ، ފުޅަދޫއަށާއު ފެހެންދޫއަށް ގެންނަން ޖެހެނީ، ކުދި ޑިންގީފަދަ އުޅަނދު ފަހަރުގައެވެ.
"ބަނދަރެއްގެ އުފާ ރައްޔިތުންނަށް ލިބުމުން އެމީހުން ވާނެ އުފާ ބުނެދޭންވެސް ނޭނގޭ. ދުވަހަކު އުންމީދު ކުރިކަމެއްވެސް ނޫންމިކަމަކީ. އިޙްސާސް ނުކުރެވޭނެ އުޅުނު ހާލު، މޫސުން ގޯސްވާ ކޮންމެ ދުވަސްވަރެއްގައި އޮޑިދޯނި ފަހަރު ބަލަން ރައްޔިތުން ތިބެނީ ހޭލާ، އެބަހުރި ހިތާމަވެރި ހާދިސާތައްވެސް ހިންގާފަ، ބަނދަރެއް ނެތުމުން ރައްޔިތުން އުފުލި ތަކުލީފާ، އުޅެމުން ދިޔަހާލު އަދި ބަނދަރެއް ހަދަމުންދާތީ ކުރެވޭނެ އިޙްސާސް މި ހުރިހާ ވާހަކައެއް ކިޔައިދޭންވެއްޖެއްޔާ އެއްދުވަސްވެސް ވަނީމަދު" ފުޅަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ އަޒްހަރު ވިދާޅުވިއެވެ.
ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މި ދެރަށުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެކަމުގައި ރައްޔިތުން ތިބީ އުއްމީދު ގެއްލި މާޔޫސްވެފައެވެ. މިދެރަށުގެ ރައްޔިތުން ބުނެފައި ވަނީ އެމީހުންނަށް ބަނދަރެއްގެ ފަސޭހަ ލިބޭނެ ކަމަށް ޤަބޫލުކުރަން ދަތިވެފައި ވަނީ ސަރުކާރުތަކުން އެކަމުގައި އިހުމާލުތައް ވެފައިވާތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފުޅަދޫ އާއި ފެހެންދޫގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އެއާއިއެކު ރައްޔިތުން މިހާރު ތިބީ އުފަލުންނެވެ. ބަނދަރުގެ މަސައްކަތް އަދި ނުނިމުނަށް، ނެރުކެނޑި ރަށަށް ވަދެވޭގޮތް ވުމަކީވެސް ރައްޔިތުންނަށް އޮތް އުފަލެކެވެ.
"ކީއްތޯ ކުރާނީ ދިޔަވަރު ނުލިބިއްޖެޔާ ތިބެންޖެހޭނީ ރަށުގައި، ވަދެ ނުކުމެވޭނެ ގޮތެއްނެތް، ތިލަ ފަޅުތެރެއިން ނޫންގޮތަކަށް ވަންނަން ބޭނުމީޔާ މަސްބާނަން ދާހާ ތެޔޮ ހަރަދުކޮށްގެން ރަށަށް ވަންނަން ޖެހޭނީ. ރަށު ފަޅަށް ވަދެވޭގޮތެއް ވުމުން އެއީ ބުންނަވެސް ނޭންގޭ އިޙްސާސެއް ކުރުވާނެދުވަހެއް ﷲގެ އިރާދަފުޅުން އެމަންޒަރު ފެންނާކަށް މާގިނަދުވަހެއް ދެން ނުނަގާނެ" ފެހެންދޫއިން ޕީއެސްއެމް ނިއުސްއަށް އިންޓަރވިއުދެމުން ދިން އެރަށު މީހުން ބުންޏެވެ.
ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން ފަޅުފުންކުރުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު، މިހާރުވަނީ ފުޅަދޫގެ ފަޅަށް ވަދެވޭގޮތަށް ނެރުވެސް ކަނޑާފައެވެ. އަދި މުޅި މަޝްރޫއު ނިމިގެންދާއިރު 600 ފޫޓްގެ ބަނދަރަކާއިއެކު ރީތި ހިތްގައިމު ގޮނޑުދޮށްވެސް ލަފާ ފުރާ މީހުންމަޑުކޮށްލުމަށް ތަރައްޤީ ކުރެވިގެން ދާނެއެވެ.
މިއީ ސަރުކާރުން ތަރައްޤީކުރާ ނަމޫނާ ބަނދަރުތަކުގެ ތެރެއިން ބ.އަތޮޅުގައި ހަދާ ދެވަނަ ބަނދަރެވެ. މިމަޝްރޫޢު މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 48 މިލިއަން ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ