ޕާކް ކުރުން މަނާ ސަރަހައްދެއްގައި ސައިކަލް ޕާކް ކޮށްފައި ފުލުސް މީހާ ދިޔައީ މީހެއްގެ ފުރާނަ ސަލާމަތްކުރަން!

ފުލުހެއްގެ ސައިކަލެއް ކަފިހި ހުރަސް ނުވަތަ ޕާކް ކުރުން މަނާ ސަރަހައްދެއްގައި ޕާކް ކޮށްފައި ހުއްޓައި ނަގާފައިވާ ފޮޓޯއަކާއެކު އާންމުންގެ އެތައް ނުރުހުމެއް ފުލުހުންނަށް އަމާޒުވިއެވެ. ސްޓިކާ ނުޖަހަނީ ކީއްވެތޯ ނުވަތަ އެ ސައިކަލުގައި ސްޓިކާ ޖަހާނީ ކޮންބައެއްތޯ ސުވާލު ކުރިއެވެ. އެތަނުގައި އާންމު ރައްޔިތެއްގެ ސައިކަލު އެފަދަ ތަނެއްގައި ޕާކް ކޮށްފި ނަމަ ވަގުތުން ސްޓިކާ ޖަހާނެ ކަމަށާއި އަދި ޓޯ ކުރާނެ ކަމަށްބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.
މި ފޮޓޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތަށް އެކި ކަހަލަ ފާޑުކިޔުންތަކާއެކު އެނބުރެން ފެށިއެވެ. މީގެ ކުރިންވެސް މިފަދަ ގޮތަކަށް ފުލުހުންގެ ވެހިކަލެއް ޕާކް ކޮށްފައި ހުރުމުން އާންމު ފަރާތަކުން އަމިއްލައަށް ހަދާފައިވާ ސްޓިކާއެއް އެ ސައިކަލުގައި ތަތްކުރުމަށްފަހު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލިއެވެ. މި ފޮޓޯއަށް ގިނަ ބަޔަކު ކޮމެންޓް ކުރީ އުފަލުންނެވެ. ތިގޮތަށް ފުލުހުންގެ ވެހިކަލެއް ފެނިއްޖެ ނަމަ ސްޓިކާ ޖަހައި ޖޫރިމަނާގެ ފައިސާ ރައްޔިތު މީހާގެ ޖީބަށް ވަންނަ ގޮތް ހެދުމަށް އެތައް ރައްޔިތުންނެއް ގޮވަމުން ދިޔައެވެ.
ކޮންމެއަކަސް މިއޮތީ އަނެއްކާވެސް އެފަދަ ސައިކަލެއް ފެނިފައެވެ. މި ސައިކަލުގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާތާ ދެތިން ދުވަހެއް ވެފައި ވަނިކޮށް ފުލުހުން މިވަނީ އެއީ ކިހިނެއް ވެގެން އެތަނުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްކަން ވަރަށް ތަފްސީލުކޮށް ބުނެދީފައެވެ. އެގޮތުން މި ސައިކަލުގައި ފުލުސް މީހަކު ގޮސް ޕާކް ކުރުން މަނާ ސަރަހައްދެއްގައި ސައިކަލް ޕާކް ކޮށްފައިދިޔައީ މީހެއްގެ ފުރާނަ ސަލާމަތް ކުރަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ މިމަހުގެ 14 ވަނަ ދުވަހުގެ 14:50 ހާއިރު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާދިސާ ހިނގި ތަނަށް އެންމެ ފުރަތަމަ ދިޔަ ފުލުސް މީހާ، އިމަޖެންސީ ހާލަތެއްގައި ސައިކަލް ޕާކްކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ކަމަށެވެ. އަލިފާނުގެ އެ ހާދިސާގައި މީހާގެ ހެދުމުގެ ފަސްބައިގައި އަލިފާން ހިފި ނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭ ކަމަށްވެސް ވަނީ ބުނެފައެވެ.
"ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭނަން." އަވައްޓެރި ފުލުހުން، ފަސްޓް ރެސްޕޮންޑާސް ހޭޝްޓެގް ޖަހާފައި ފުލުހުން މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ތެދެކެވެ. ކޮންމެ ކަމެއް ދިމާވިޔަސް ކޮންމެ މީހަކަށްވެސް ބުނެވޭނީ އަދި ދެވޭނީ ފުލުހުންގެ އެހީތެރިކަމަށް އެދިއެވެ. މުހިންމީ އެ ފުލުސް މީހާގެ ސައިކަލް ޕާކް ކޮށްފައި ހުރި ތަނެއް ނޫނެވެ. މުހިންމީ އޭނާ ކުރަން ދިޔަ ހިތްވަރުގަދަ މަސައްކަތެވެ. ގާނޫނު ބުނާގޮތުން ނަމަ ވަކި ހާލަތްތަކުގައި ފުލުހުންގެ ވެހިކަލްތައް ކޮންމެ ތަނެއްގައިވެސް ޕާކް ކުރެވިދާނެއެވެ.
ފުލުހުން ސްޓިކާ ޖަހަނީ ނުވަތަ ޓޯ ކުރަނީ އެމީހުންނަށް ފައިދާވާތީކީ ނޫނެވެ. ކޮންމެ ކަމެއްގައިވެސް ގާނޫނެއް ހަދާފައިވާ އިރު، އެ ގާނޫނަށް ބޯލެނބުމަކީ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެއަށް އަމަލު ނުކުރާނަމަ އެކަން ތަންފީޒު ކުރާނެ ބަޔަކުވެސް ގައުމުގައި ތިބެން ޖެހެއެވެ. އެންމެ ރަނގަޅެވެ. ތިމާ ގެއިން ނުކުންނައިރު ނުވަތަ ސައިކަލް ޕާކް ކޮށްފައި ހުންނައިރު އޭގެ ހުރަހަށް ސައިކަލެއް ނުވަތަ އެނޫންވެސް ވެހިކަލެއް ޕާކް ކޮށްފައި ހުރުމުން އުނދަގުލެއް ނުވޭ ހެއްޔެވެ؟ ގާނޫނަށް ބޯލަނބަން ޖެހޭ ބަޔަކު އުޅެންޖެހެއޭ ހިތަކަށް ނާރާ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ