ތިނަދޫ އެކްސިޑެންޓުގައި ވޭން ދުއްވަން އިން ފުލުސް މީހާ އެހެން ރަށަކަށް ބަދަލުކޮށްފި

ގދ. ތިނަދޫގައި ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި މީހަކު މަރުވެފައިވާ އިރު، އެ އެކްސިޑެންޓުގައި ވޭން ދުއްވަން އިން ފުލުހުންގެ ޑްރައިވަރު އެހެން ރަށަކަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގުކުރަމުން އަންނަ އިރު އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުސް މީހާ ހުރީ ސަސްޕެންޝަނުގައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް މީޑިއާ އޮފިޝަލް ކަށަވަރުކޮށެއް ނުދެއްވި އެވެ.
ފުލުހުންގެ ވޭނާއި ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ތިނަދޫ ބްރޯން މޫސާ މަނިކު، ،32 މަރުވީ ލަންކާ އަށް ގެންގޮސް ލަންކާ ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ.
އެކްސިޑެންޓު ހިނގަން މެދުވެރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ. ފުލުހުން ބުނީ މާލެ އިން ހާއްސަ ޓީމެއް ތިނަދު އަށް ގޮސް އެކްސިޑެންޓް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަރުވި މަނިކުގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ވޭން ދުއްވަން އިން މީހާގެ ފަރުވާކުޑަކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ