ދޮށީ މީހަކާ އިންނާތީ ޒުވާން ދަރިފުޅު ގަތުލުކޮށްފި

އީރާނުގެ ފިރިހެނަކު އޭނާގެ ޓީންއޭޖް އުމުރުގެ އަންހެންދަރިފުޅު ގަތުލު ކުރުމާ ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ރުޅިގަދަވެ ނުރުހުން ފާޅު ކުރަމުންނެވެ. މި ޒުވާން އަންހެންކުއްޖާގެ ކުށަކީ އޭނާއަށް ވުރެ 15 އަހަރު ދޮށީ ފިރިހެނަކާ ކައިވެނި ކުރަން ބޭނުން ވުމެވެ. ރޮމީނާ އަޝްރަފީގެ ބޯ ބުރިކޮށްލައިގެން މަރާލާފައި ވަނީ އިރާނުގެ އުތުރުގައި އޮންނަ ގިލާން ޕްރޮވިންސްގެ ތަލޭޝް އަވަށުގައި ހުންނަ އާއިލާގެ މީހުން ދިރިއުޅޭ ގޭގައި ނިދާފައި އޮއްވާ މި ހިނގާ މޭ މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ.
ރޮމީނާ ކައިވެނި ކުރަން ވަލީ ދޭން ބައްޕަ ދެކޮޅު ހެދުމުން އޭނާ ގެއިން ފިލައިގެން ދިޔައީ އެވެ. އެނބުރި ގެއަށް އައީ އޭނާގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުން އޭނާ ގެއަށް ދާން މަޖްބޫރު ކުރީމަ އެވެ.
އިރާނުގެ މީޑިއާއިން ބުނަނީ މިއީ "އާއިލީ ގަދަރު ދެމެހެއްޓުމަށް" ކުރެވުނު ގަތުލެއް ކަމަށެވެ. އެ ގައުމުގެ އެންމެ ބޮޑު ނޫހުގެ ބޭރުގަނޑުގެ ފަލަ ސުރުޚީގައި ޖަހާފައިވަނީ "ބައްޕަގެ ގޭގައި ވެސް ރައްކާތެރިކަމެއް ނެތް" މިހެންނެވެ.
އިރާނުގައި އަންހެންކުދިންނަށް ކައިވެނި ކުރުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބެނީ 13 އަހަރު ފުރުނީމަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަންހެންކުއްޖާ ގެއިން ފިލުމުން އީރާނު ފުލުހުން އޭނާ ހޯދައި ހައްޔަރުކުރި އެވެ. އަދި މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ފަނޑިޔާރު ކައިރީގައި ވެސް އަންހެންކުއްޖާ އޭނާއަށް އަމިއްލަ ގޭގައި ރައްކާތެރިކަމެއް ނެތް ކަމަށް އެތައް ފަހަރަކު ބުންޏެވެ. އަދި ގެއަށް ހިނގައްޖެނަމަ ފުރާނަޔައިގެން ސަލާމަތް ނުވެވޭނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ފަނޑިޔާރު ކައިރީ ބުނި ކަމަށް ވެއެވެ.
ނަމަވެސް އޭނާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި ކޯޓުން އަންހެންކުއްޖާ އޭނާގެ ބައްޕަ އާ ހަވާލު ކުރީ އެވެ.
ނަމަވެސް އަންހެންކުއްޖާ މަރާލި ބައްޕަ އަށް މާ ބޮޑު އަދަބެއް އިރާނުގެ ގާނޫނުތައް އޮތް ގޮތުން ނުލިބޭނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އިސްލާމީ ޝަރީއަތުގައި މަރަށް މަރު އޮތް ނަމަވެސް އީރާނުގައި ބައްޕައަކު އޭނާގެ އަމިއްލަ ދަރިން މަރައިގެން ލިބެނީ ވަރަށް ކުޑަ އަދަބެކެވެ.
އީރާނު ނޫސްތަކުން ބުނި ގޮތުގައި އެންމެ ގިނަވެގެން ވެސް މި ފިރިހެންމީހާއަށް އަންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މިއަށްވުރެ މި މުއްދަތު ކުރުވުމަކީ ވަރަށް ގާތް ކަމެކެވެ.
އިރާނުގެ ރައީސް ހަސަން ރޫހާނީ ބުދަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ވަނީ މި އަންހެންކުއްޖާ މަރާލުމުގެ ހިތާމަ ފާޅު ކުރައްވާފަ އެވެ. އަދި އެންޓި-ވައިލެންސް ބިލްތައް އަވަހަށް ފާސްކުރުމަށް ރައީސް ރޫހާނީ ވަނީ އެދިވަޑައިގެންފަ އެވެ.
އީރާނުގެ ރައީސް މިހެން ވިދާޅުވީ ޓުވިޓާގައި ގިނަ ބަޔަކު މި އަންހެންކުއްޖާ މަރާލުމާ ދެކޮޅަށް ރުޅިގަދަވެ އަޑު އުފުލަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ