އެމްއެމްޕީއާރްސީ މައްސަލަ: ރައީސް ޔާމީން ޖަލަށް ލެވުމުން އިންސާފުގެ ދަތުރު ނިމުނީތޯ؟

އެމްއެމްޕީއާރްސީ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލެވުމުން އިންސާފުގެ ދަތުރު ނިމުނީތޯ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ސުވާލު ކުރައްވައިފިއެވެ.
ރައީސް ޔާމީން ޖަލަށް ލެވުމުން އިންސާފުގެ ދަތުރު ނިމުނީތޯ ސުވާލު ކުރައްވަމުން ޣައްސާން ވަނީ އެމްއެމްޕީއާރްސީ މައްސަލަ އަވަހަށް ބަލާދިނުމަށް ގޮވާލައްވާފައެވެ. އޭނާ ވަނީ، އެމްއެމްޕީއާރްސީ މައްސަލާގައި ޑީލްއެއް ހެދުމަށް ނޭދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޣައްސާން ވަނީ ފުލުހުންގެ މައްޗަށް ކޮންޓްރޯލް ހިންގުމަށް ވެރިކަމާއި، ފަނޑިޔަރުންނާއި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރުމުގެ ބާރު ކަމުގައިވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެމްޑީޕީއަށް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ މި ހުރިހާ ބާރެއް ލިބިމެ، މައްސަލަ ނުބަލާ ލަސް ކުރަނީ ޕީޕީއެމުންތޯ ސުވާލު އުފައްދަވާފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އަދި މި މައްސަލާގައި ހުކުމް ތަންފީޒު ކުރެއްވުމަށް ޖަލުގައި ހުންނެވީ ހަމައެކަނި ރައީސް ޔާމީނެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި 335 މީހަކު ހިމެނި، އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭއިރު އެ މައްސަލަ ކުރިއަށް ނުދާތީ އެކަމާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެން ދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ 30 މައްސަލައެއް ކޯޓުގައި އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަތަކުން ދައުލަތަށް 600 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ