ރައީސް ނަޝީދު ވިދާޅުވިނަމަ އެމަނިކުފާނާއެކު އިސްތިއުފާ ދިނީމުސް: ރައީސް ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވަމުން، އެމަނިކުފާނާ މަޝަވަރާ ކުރައްވައި އިސްތިއުފާ ދެއްވުމަށް ދެންނެވި ނަމަ، ރައީސް ނަޝީދާއެކު އެދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ނަޝީދުގެ ނައިބު ރައީސް އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަދަން މަނިކު ވިދާޅުވެއްޖެއެވެ.
އަވަސް އޮންލައިނުން ގެނެސްދޭ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ރައީސް ނަޝީދު އެދުވަހު އިސްތިއުފާ ދެއްވީ އެމަނިކުފާނާ މަޝްވަރާ ކުރައްވާފައި ނޫން ކަމަށެވެ.
އޭގެ ބަދަލުގައި އެކަމާބެހޭގޮތުން އެމަނިކުފާނު މަޝްވަރާ ކުރައްވައި، ދެބޭފުޅުން އެކުގައި އިސްތިއުފާ ދެއްވައި އަަވަސް އިންތިހާބަކަށް ވަޑައިގެންނެވުނީސް ކަމަށްވެސް ވިދާޅުވިއެވެ.
އިސްތިއުފާ ދެއްވުމާ ބެހޭގޮތުން އެމަނިކުފާނާ މަޝްވަރާ ކުރެއްވުމުުގެ ބަދަލުގައި ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ ބޮލަށް އަރައިވަޑައިގެން ފިއްތަވައިލެއްވުމަށްފަހު، އެމަނިކުފާނަށް ނުބައްސަވައި ކަންކަން ކުރެއްވުމަށް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"ރައީސް ނަޝީދު އަޅުގަނޑު ކައިރީގައި އެވާހަކަ ދައްކަވާލައްވައިގެން، ތިމަންނަ މިހެންނޭ ހަދަން މިއުޅުއްވަނީ ހިނގާށޭ ދެމީހުން އިސްތިއުފާ ދީފަ ގޮސް އަވަސް އިންތިހާބަކަށް އޭރުން އާދެވޭނެއޭ. މިކަހަލަ ވާހަކައެއް ނުދައްކަވާ އިނގޭތޯ. ހަމަ މަސައްކަތް ކުރެއްވީ އަޅުގަނޑުގެ ބޮލަށް އަރާ ފިއްތާލައްވައިފަ ދެން އަޅުގަނޑާ ނުބައްސައި މިކަންތައްތައް ކުރައްވަން،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުުން އިސްތިއުފާ ދެއްވިއިރުވެސް، ރައީސް ނަޝިީދު، އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދާ އޭރުވެސް އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި، ހިޔާލު ތަފާތުވެ ދެބަސްވުމަކަށް ނުދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ވަހީދުވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވާހަކަ ދައްކާ ބޭފުޅުންނަކީ ރިޔާސީ ނިޒާމް ދެނެވަޑައި ނުގަންނަވާ ބޭފުުޅުން ކަމަށެވެ.
"އަޅުގަނޑު ކައިރީ ވިދާޅުވި ނަމަ ހަމަ އަޅުގަނޑުވެސް އިސްތިއުފާދީފަ އެކީކަގޮސް އަނެއްކާ އަނެއް ދުވަހު އިންތިހާބަށް ނިކުންނާނީ ނޫންތޯ، އެހެނެއް ނޫން އެކަންް ވީކީ، އަޅުގަނޑު ކައިރީ ދުވަހަކުވެސް ރައީސް ވިދާޅެއް ނުވޭ އިސްތިއުފާ ދެއްވާކަށެއް، ދުވަހުވެސް ނުބާއްވާ ރުޅިވެެރިކަމެއްވެސް ހަމަ ރަނގަޅު ގުޅުމެއް އޮތީ،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގެން، ރިޔާސީ ކޮމިޝަނެއް އުފައްދަވައި ވެރިކަން ބަދަލުވެގެންދިޔަ ގޮތުގެ މިނވަން ތަހުގީގެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ރިޕޯޓް ރައީސް ނަޝީދުވެސް ފުރަތަމަ ގަބޫލު ކުރެއްވި އެވެ. ނަމަވެސް ފަހުން އެ ރިޕޯޓް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ވިދާޅުވެ އެކި ފަހަރު އެކި ބޭފުޅުންގެ ބޮލުގައި ބަޣާވާތްކުރި ކަމުގެ ތުހުމަތު ރައީސް ނަޝީދު ގެންދަވަނަ އަޅުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ