ތަރައްގީ ގެންނާނީ ފިތުރަތުގެ އުސޫލާ އެއްގޮތަށް: ނަޝީދު

ރާއްޖޭގެ ކޮންމެ ޖަޒީރާ ރަށަކީ އެ ރަށެއްގެ ވަށައިގެން ވެލި އެނބުރެންޖެހޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށްތަކުގައި ބަނދަރުތައް ހެދުމާއެކު އެ ރަށްތަކުގެ ގުދުރަތީ ސިފަ ގެއްލިގެންދާނެ ކަމަށާއި، ތަރައްގީ ގެންނާނީ އެފަދަ ކަންކަމުގައި ފިތުރަތުގެ އުސޫލާ އެއްގޮތަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޭދަފުށީގައި މިރޭ ކުރިއަށްދިޔަ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބަނދަރު ހެދުމާ އެކިއެކި ކަންކަން ކުރުމުގާ ރަށްރަށުގެ ތޮބީއީ ސިފަ ގެއްލުވާ ނުލާނެ ކަމަށެވެ.
"އެނބުރި އެނބުރި އޮންނަ ވެލި ނޭނބުރެނީ. ނޭނބުރުނީމާ ރަށް ގިރެނީ. އެއީ އަޅުގަނޑުމެންގެ ލޮލަށް ފެންނަތަން. ރަށެއްގެ ތޮބީއީ ސިފަ ގުދުރަތީ ގޮތާ ބެހުނީމާ ހަގީގަތުގައި އަންނާނެ ކިތަންމެ ބަދަލެއް އޮންނާނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މަޖިލިސް 2019 ވެގެންދާނީ ރައްޔިތުންނަށް ތަރައްގީއަކީ ކޯއްޗެއް ރައްޔިތުންނަށް އެނގޭނެ މަޖިލީހަކަށް ކަމަށާއި، އެމްޑީޕީގެ މިފަހަރުގެ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ފިތުރަތުގެ އުސޫލާ އެއްގޮތަށް ތަރައްގީ ގެނައުން ކަމަށެވެ.
"ތަރައްގީ ގެންނާނީ ފިތުރަތުގެ އުސޫލާ އެއްގޮތަށޭ. އޮޔާވަޔާ އެއްކޮޅަށޭ. އިދިކީއްޔަކަށް ނޫނޭ. ތަރައްގީ ގެނައުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެއީ ބޮޑު ބިޔަ ކަމެއް ނޫން. އެއީ ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގައި، ބޮޑުބޮޑު ބިޔަ ގަހެއް ހެދުން" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ