ޑރ އަފްރާޝީމްގެ މަރާ ގުޅިގެން 2 މީހަކު ހޯދަނީ

ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ މަރުހޫމް ޑރ އަފްރާޝީމް އަލީގެ މަރާ ގުޅިގެން 2 މީހަކު ހޯދުމަށް ވީޑިއޯއެއް އާންމުކޮށްފިއެވެ.ގޮތް ނޭނގޭ މަރުތަކުގެ ހަޤީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުފެއްދެވި މަރުތަކާއި ބެހޭ ކޮމިޝަނުން ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުޤީގު ކުރަމުންދާއިރު މިއަދު އެ ކޮމިޝަނުން އާންމުކުރި ވީޑިއޯއަކުން ފެންނަނީ ދެ ސައިކަލެއްގައި ހަރަކާތްތެރިވި ދެ މީހެކެވެ.އާންމު ކުރި ވީޑިއޯ އާ ގުޅޭގޮތުން ކޮމިޝަނުން ބުނެފައިވަނީ ވީޑިއޯ އިން ފެންނަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ އަމީނީމަގުގައި ހުންނަ ކްރަސްޓީސް ރެސްޓޯރެންޓުގެ ހުޅަނގުގައި ހަރަކާތްތެރިވަމުންދާ ބައެއް ކަމަށެވެ. ކޮމިޝަނުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހުރި މީހެއްވާނަމަ އެ ކޮމިޝަނަށް އެންގުމަށް އެދިފަ އެވެ.2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެރެއަކީ ޑރ. އަފްރާޝީމް އަނިޔާވެރި ގޮތަކަށް މަރާލި ރެ އެވެ. އަފްރާޝީމް ދިރިއުޅުއްވި ގެ ހ.ފުންވިލު ހުންނަނީ އެ ހިސާބުގަ އެވެ. އޭނާއަށް އެތައް ހަމަލާއެއްދީ މަރާލާފައި އޮތްވާ ފެނުނީ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.އަފްރާޝީމްގެ މަރާ ގުޅިގެން ހ. ލޮބީ، ހުސައިން ހުމާމްއާއެކު އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް ހުމާމް ފިޔަވައި އެންމެން ވަނީ ދޫކޮށްލައިފައެވެ. ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަފްރާޝީމަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް ވެސް ދައުވާކުރިއެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.މަރުތަކާއި ބެހޭ ކޮމިޝަނުން ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ އިތުރުން 24 މައްސަލައެއް ދަނީ ބަލަމުންނެވެ. ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ މަރުތަކުގެ ހަޤީގަތް ހޯދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ