ކުރިއަށް އޮތް މަޖިލީހުގައި ވައްކަމެއް ނުކުރެވޭނެ: ނަޝީދު

ކުރިއަށް އޮތް 19 ވަނަ މަޖިލީހުގައި ވައްކަން ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނ.ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ އަހުމަދު އީސާގެ ކެމްޕެއިން ލޯންޗްކުރުމަށް ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އީސައާއެކު އެމަނިކުފާނުވެސް މަޖިލީހުގައި އިންނަވާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް އިތުބާރު ކުރައްވަން ޖެހޭ ކަމަށާއި، އެ މަޖިލީހުން ވައްކަން ނުކުރޭވެނެ ކަމަށެވެ.
"އިތުބާރު ކުރައްވާ ޔަގީން ކުރައްވާ، އެ މަޖިލީހަކު ވައްކަމެއް ނުކުރެވޭނެ. އަޅުގަނޑު ހުންނާނަން ގާތުގައި. އިތުބާރު ކުރައްވާ ގަބޫލުފުޅު ކުރައްވާ، އެ މަޖިލީހަކު ވޯޓެއް ނުވިއްކޭނެ. އަޅުގަނޑު ހުންނާނަން ގާތުގައި" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލީހުގައި މެމްބަރުން ވޯޓު ދިނުމުގައި ބަރޯސާވާނީ ރައްޔިތުންގެ އުއްމީދުތަކާއި ޝަކުވާތަކާއި އެދުންތަކަށް ކަމަށެވެ. އަދި އެ މަޖިލިސް އެހެން ގޮތަކަށް ބީވެގެންނުދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ނަޝީދު ވިދާޅުވެފައިވާ ގޮތަށް، ޕާޓީ ބަދަލު ކުރުމާ ދެކޮޅަށް މިއަދުގެ ވާހަކައިގައިވެސް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަރު އަޑުން ގޮވަމުންދަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ދިނުމަށް ކަމަށާއި، އެކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ނ.އަތޮޅުގެ ރައްޔިތުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ