އަރްހަމްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ މައުލޫމާތާއި ފޮޓޯ އާންމުކޮށްފި

ކުއްލިއްޔާ ގޯޅިގަނޑުގައި ހަދާފައިވާ ޕާކުތެރޭގައި މަރާލާފައި އޮއްވައި ފެނުނު ހއ. ހޯރަފުށީ ނޫރީގޭ، މުހައްމަދު އަރުހަމްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ހަ މީހެއްގެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް އަށް ފޮނުވައި އެ މީހުންގެ ނަންތަކާއި ފޮޓޯތައް އާންމުކޮށްފި އެވެ.
ލޮރޮންޒޯ ޕާކްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕާކުން، ބޮޑެތި ޒަހަމްތަކަކާ އެކު އަރުހަމްގެ ހަށިގަނޑު ފެނިފައި ވަނީ މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުން އެ ސަރަހައްދު ޗެކްކުރުމުގެ ތެރޭގައި މޭ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނެވެ. އަރުހަމްގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވާފައިވާ އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހުންނަކީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން، ،19 އާއި ލ. މާވަށް އެވަބްލޫގެ މުހައްމަދު ވިސާމު، ،19 އާއި ލ. މާވަށު އަސަރީގެ މަންސޫރު ޔޫސުފް، ،23 އާއި މއ. ސީނަރީވިޔު އާތިފު ރަޝީދު، ،21 އާއި ގ. ދާސްތާން ހުސައިން އަލީމް، ،28 އަދި މއ. ކަބާލިފަރު އަލީ މިފްރާހު އަހުމަދު، ،21 އެވެ.
ފުލުހުން ބުނެފައި ވަނީ މި މީހުންގެ ތެރެއިން އަލީ މިފްރާހް ފިޔަވައި އެހެން އެންމެންގެ ވެސް ކުށުގެ ރެކޯޑް އެބަ އޮތް ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މި މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ކުޑަ ޒުވާބެއް ޒާތީ ކަމަކަށް ބަދަލުވެގެން އެއް ބަޔަކު އަނެއް ބަޔަކު ބަދަލުހިފުމުގެ ރޫހުގައި ހިންގާފައިވާ މާރާމާރީއެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ކުރިއާލައި ޕްލޭންކޮށްގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އޭރު ބުނެފައި ވަނީ އަރުހަމަކީ ކުށުގެ ރެކޯޑެއް އޮންނަ ކުއްޖެއް ނޫން ކަމަށާއި ނަމަވެސް އެ ޕާކަށް ގޮސް ގިނަ ވަގުތުތަކެއް އެ ތަނުގައި ހޭދަކުރާ ކަމަށެވެ. އަދި އެ ތަނުގައި އޮންނަ ގްރޫޕް ކުދިންނާ ގުޅުން އޮންނަކަން ވެސް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ މީގެ ކުރިން ވެސް ތޫނު ހަތިޔާރުން މާރާމާރީ ހިންގި ކަމުގެ ރެކޯޑު އޮތް ބައެއް ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ