ރައީސްކަން ކުރައްވާ ބޭފުޅުންނަށް ހިމާޔަތާއި އިނާޔަތް ނުލިބޭ ހާލަތްތައް ބަޔާންކުރާ އިސްލާހެއް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން އަދި އިނާޔަތް ލިބިވަޑައިނުގަންނަވާ ހާލަތްތައް ބަޔާންކޮށް، ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލްގައިވާ ގޮތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިނުގަންނަވާނެ ހާލަތްތަކެއް ބަޔާން ކުރައްވާފައިވެ އެވެ. އެ ގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލު ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމާއި އެފަދަ ކަމަކަށް ހިތްވަރު ދިނުން އަދި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުކުރަންޖެހޭ ހާލުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިނުގަންނަވާނެ ކަމަށް ބިލްގައިވެ އެވެ.
މީގެ އިތުރުން އިނާޔަތް ލިބިވަޑައިނުގަންނަވާ ގިނަ ހާލަތްތަކެއް ބިލްގައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ މިނިވަން ގެއްލޭ ފަދަ އަމަލެއް ހިންގުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިނުން ނުވަތަ އެފަދަ ކަމަކަށް ގޮވާލުމާއި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ ކަމަކަށް ހިތްވަރުދިނުން އަދި އެފަދަ ކަމަކަށް ގޮވާލުމެވެ. މީގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ ޖަމާއަތެއްގައި ބައިވެރިވުމަށް ގޮވާލުމާއި އެފަދަ ކަމަކަށް ހިތްވަރު ދިނުން އަދި ރާއްޖޭގެ އިގުތިސާދު ފުނޑުފުނޑުކޮށްލާ ފަދަ އަމަލެއް ހިންގުމާއި އެފަދަ ކަމަކަށް ގޮވާލުމާއި ހިތްވަރު ދިނުމުން ވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުން މަހުރޫމްވާ ކަމަށް ރިޔާޒްގެ ބިލްގައިވެ އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް މާލީ އަދި ޖިނާއީ ކުށަކާ ގުޅިގެން މަހުރޫމްވާ އުސޫލުތަކެއް ވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާ ފަހުން ކުރާ ޖިނާއީ ކުށްތަކާ ގުޅިގެން ވެސް އިނާޔަތުން މަހުރޫމްވާ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ.
"މި ބިލު ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތް ކުރައްވާ ބަޔަކަށް ވާންޖެހޭތީ އާއި އަދި މަގާމު އަދާކުރެއްވި ދުވަސްވަރާއި އަދި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ކުށުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނަ ބަޔަކަށް ވާންޖެހޭތީވެ އެކަން ކަށަވަރު ކުރުމުގެ ގޮތުންނާއި އެފަދަ ފަރާތަކަށް ހިމާޔަތް ދިނުމުގައި ރައްކާތެރިވާ ފަރާތަކަށް ޖިނާއީ ކުށަކަށް އަރައިގަންނަން ނުޖެހޭ ފަދަ ގޮތެއް ހަމަޖެއްސުމުގެ ގޮތުންނެވެ،" ބިލް ހުށަހެޅުއްވި ސަބަބު ބަޔާން ކުރައްވައި ރިޔާޒް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ