ޗައިނާ ރައްޔިތުން ސިންގަޕޫރަށް ވަނުމުގެ ހުއްދަ ނުދޭން ނިންމައިފި

ޗައިނާ ރައްޔިތުން ސިންގަޕޫރަށް ވަނުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ. ޗައިނާގެ ވޫހާން ސިޓީގައި އުފަންވެ، މުޅި ދުނިޔެއަށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއިން ދިފާއުވުމަށް ސިންގަޕޫރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމާފައި ވަނީ، ޗައިނާގެެ ރައްޔިތުކަން އޮތް އެއްވެސް މީހަކަށް އެ ގައުމަށް އެތެރެ ވުމުގެ ހުއްދަ ނުދޭންށެވެ. އަދި ޓްރާންސިޓް ޕެސެންޖަރުންނަށް ވެސް، އެ އުސޫލުން އަމަލުކުރަން ވަނީ ނިންމައިފަ އެވެ. ޗައިނާ ރައްޔިތުކަން އޮންނަ މީހުންގެ ތެރެއިން، ސިންގަޕޫރަށް އެތެރެ ވުމުގެ ހުއްދަ ދޭނީ، މިފަހުން އެއްވެސް އިރެއްގައި އެ މީހަކު ޗައިނާއަށް އެތެރެވެފައި ނުވާކަން ސާބިތުކޮށްދިނުމުން ކަމަށް ވެސް ސިންގަޕޫރުން ބުންޏެވެ. އަދި އެފަދަ ފަރާތްތަކުން ވެސް ކުރިއާލާ ވިސާއަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ. މީގެ އިތުރުން، ޗައިނާއަށް ދަތުރުކޮށްފައި އަންނަ ސިންގަޕޫރު ރައްޔިތުން ވެސް 14 ދުވަސް ވަންދެން ގޭގައި މަޑުކުރަން ޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ. މިއާ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ މާދަމާ ހެނދުނު 11:35 އިން ފެށިގެން ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. ޗައިނާގެ ވޫހާންއިން ސިންގަޕޫރަށް އެތެރެވި 13 މީހަކު ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ