މުލަކު ކަނބަލުންނަށް ފުލުހުން، މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

މ. މުލަކުގައި ދިރިއުޅޭ އަންހެނުންނަށް  އަމާޒުކޮށްގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
ފުލުހުން ބުނީ މިއޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު މ. މުލަކު ހުޅަނގު ފަރާތު ބީޗް ސަރަޙައްދުގައި ފެށި މިކަސްރަތު ޕްރޮގްރާމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްކަސްރަތުގެ މުހިންމު ކަން އަންގައިދިނުމަށާއި، އިޖުތިމާޢީ ގުޅުމާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅުކުރުމުގެ މަޤުޞަދުގައި މުލަކު އަންހެނުންގެ ކޮމެޓީގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދިނުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ އާއި ކަސްރަތުގެ މުހިންމުކަމާއި ކަސްރަތުން ލިބޭ ފައިދާތައް ބުނެދިނުމުގެ އިތުރުން ކަސްރަތާ ގުޅޭ މުހިންމު މަޢުލޫމާތާއި ކަސްރަތު ކުރަންޖެހޭ ގޮތްތަކާއި ކަސްރަތުގެ ސަބަބުން ލިބޭ ފައިދާތަކާ ގުޅޭ މައުލޫމާތު ބައިވެރިނަށް ދެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މ. މުލަކުގައި ދިރިއުޅޭ 29 އަންހެނުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ޕޮލިސް އެކަޑަމީގެ އިންސްޓްރަކްޓަރަކާއި މ. މުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމު ހިންގުމުގެ ތަޖުރިބާހުރި ފުލުހުން ކަމަށެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި މުލަކު އަންހެނުންގެ ކޮމެޓީއާއި މުލަކު ކައުންސިލްގެ އިތުރުން ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން ކަމުގައިވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ