ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލުކުރަން ބަޔަކު އެބައުޅޭ: ނަޝީދު

ޒަމާނުއްސުރެ ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލުކޮށް އެހެން ގޮތަކަށް އަނބުރާލަން ދިވެހިންގެ ތެރެއިން ބަޔަކު އެބަ އުޅޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގިޔާޒުއްދީން ސްކޫލްގެ ސްޓޫޑަންޑް އެޗީވްމަންޓް އެވޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމިއްޔަތެއްގެ އެންމެ މުހިންމު މާނައަކީ ކުރީގައި ވެފައި އޮތް ގޮތާއި އަދި ދެން ދާން ބޭނުންވާ ތަން ސާފުވެފައި އޮތުން ކަމަށެވެ.
އަދި ދިވެހި ގައުމިއްޔަތު ލިޔެވިފައި އޮތީ ދުވަސްވީ މިސްކިތްތަކާއި ގަބުރުސްތާނުތަކާއި ޒިޔާރަތްތަކުގައި ކަމަށާއި ނަމަވެސް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި ގައުމިއްޔަތު ފޮހެލަން އެ މިސްކިތްތަކާއި ގަބުރުސްތާނުތައް ތަޅާލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ގައުމިއްޔަތު ބަދަލުކުރަން ވެގެން ފޮހެލާން ވެގެން ވަރަށް ބޮޑު މަސައްކަތެއް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރު ކުރެއްވިއްޖެ. އެންމެ ބޮޑަށް ކުރެވުނު ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން. ޒިޔާރަތްތައް ތަޅާލުން. މާޒީ ފުހެލަން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް ތެރެއަށް ތައާރަފްކުރަން ފެށުން. ހެދުން އަޅާ ގޮތް ވެސް ބަދަލުކުރުން،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ތެރެއަށް އެހެން ދިރިއުޅުމަކާއި ސަގާފަތެއް ގެނައުމަށް މިފަހަކުން އައިސްގެން އުޅޭ ރޫހެއްގައި، ޖީލެއްގެ ތެރޭގައި ތިން ގޮތަކަށް ހެދުން އަޅަން ފަށައިފި ކަމަށެވެ.
އަދި މިއޮތް ހުރިހާ ދުވަހު ދިވެހިން އުޅުނީ ގޯސްކޮށް ކަމަށްދެކި މިސްކިތްތަކާއި ޒިޔާރަތްތައް ތަޅާލަން ވެއްޖެ ކަމަށާއި އެއީ ބޮޑު ބިދުއަކާއި މުންކަރާތެއް ކަމަށް ދެކެން ފަށައިފި ކަމަށް ވިދާޅުވިއެވެ.
"ހަމަ ގައިމުވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް އަޅުގަނޑު އަމިއްލައަށް އެބަ ދައްކަން. މި ދިވެހިރާއްޖެ ބަދަލުކުރަން އެހެން ގޮތަކަށް އަނބުރާލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް. އެއްވެސް ހާލަތެއްގައި މިދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ވެސް އިސްލާމުން. މުޅިން އެދެނީވެސް އުޅެން ބޭނުންވަނީ ވެސް މާތް ވެގެންވާ އިސްލާމްދީނުގައި،" ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ދިވެހިންނަކީ ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ކަމަށާއި އިންޑިއާ ކަނޑުގެ މެދުގައި ތިބޭ ރަށްފުށު ބައެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ދިވެހިންގެ ގޮތް ބަދަލު ނުކޮށް ދިވެހިން ތިބޭ ގޮތަށް ތިބުމަށް މިރޭ އިލްތިމާސް ކުރައްވައިފައެވެ. އަދި ގޮތް ދޫނުކޮށް ތިބުމަކީ ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ