ސަރުކާރުގައި ލަސްކަމެއް އުޅޭހެން އެބަ ހީވޭ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލަސްކަމެއް އުޅޭހެން ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަމްސީލުކުރައްވާ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލިސް ހިނގާގޮތަށް ބާރު ދުވެލީގައި ސަރުކާރު ހިނގަން ފަށާނީ ކޮން ދުވަހަކުންތޯ މީހަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ރަނގަޅު ވިސްނުންތަކެއް ގެންގުޅުނު ނަމަވެސް، ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސްކަމެއް އުޅޭހެން ހީވާ ކަމަށެވެ.
އުންމީދަކީ ކުރިއަށް އޮތް މަސްތަކުގައި އެކަމަށް ހައްލެއް އައިސް، ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުން ކަމަށާއި އެކަން ހައްލުކުރުމަށް ހުރިހާ ވުޒާރާތަކަކުން ވެސް ގުޅިގެން ބާރަށް މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރަށް ކަންކަން ނުކުރެވި ލަސްވުމުގައި ފަރުވާކުޑަވުމާއި އިހުމާލުވުން ވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ