އެމްޑީއެންގެ އެކައުންޓުގައި ހުރި ފައިސާ ޑެފް އެސޯސިއޭޝަނަށް ދީފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ބޭންކު އެކައުންޓު ތަކުގައި ހުރި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ދީފި އެވެ.
ކުލަބް ޖަމިއްޔާތަކުގެ ގާނޫނުގައި ބުނާގޮތުން، އެ ޖަމިއްޔާއެއް ނުވަތަ ކުލަބެއްގައި ހުންނަ މުދަލާއި ފައިސާއަކީ އެ ޖަމިއްޔާއެއް އެއިރަކު ހިންގަން ތިބޭ ބައެއްގެ ނުވަތަ މެންބަރުންގެ ނުވަތަ އެނޫން ވެސް ބަޔަކަށް މިލްކުވށާ އެއްޗެއް ނޫނެވެ. ގާނޫނު ބުނާ ގޮތުން ކުލަބު ޖަމިއްޔާއެއް އުވާލާ ހާލަތުގައި، އެ ޖަމިއްޔާއެއްގެ މިލްކިއްޔާތުގައި ހުރި މުދާ ޖެހޭނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ނުވަތަ ހައިރާތު ފަންޑަކަށް ހަދިޔާ ކުރާށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އެމްޑީއެންގެ އެކައުންޓުތަކުގައި ހުރި 7000 ވަރަކަށް ޔޫއެސް ޑޮލަރު، ޑެފް އެސޯސިއޭޝަނަށް ދޭން ނިންމީ ކުލަބުގެ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރާއި ބާރުގެ ދަށުންނެވެ. އެ ފައިސާ ޑެފް އެސޯސިއޭޝަނަށް ދީފައި ވަނީ މިދިޔަ ހަފުތާގަ އެވެ.
އެމްޑީއެން އުވާލިކަން ސަރުކާރުން އާންމުކުރީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓުން މި ދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
"މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ރަޖިސްޓްރާ އޮފް އެންޖީއޯސް ނިންމެވުމާ ގުޅިގެން، ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ޓަކައި، 05 ނޮވެމްބަރު 2019 އިން ފެށިގެން 19 ޑިސެމްބަރު 2019 އާއި ހަމަޔަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެޖަމިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެޖަމިއްޔާ ރަސްމީކޮށް އުވާލާފައިވާ ވާހަކަ ދެންނެވީމެވެ." ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 އަށްވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައްޔާއި މާލޭގައި ސިލްސިލާ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ