ޕެސްޓިސައިޑް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު ތަސްދީގުކުރައްވައިފި

ޕެސްޓިސައިޑް ނުވަތަ ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޕެސްޓިސައިޑާ ބެހޭ ބިލު އެ މަޖިލީހުން ފާސްކުރީ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މި ގާނޫނު ތަސްދީގުކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު މި ގާނޫނު ވަނީ ޝާއިއުވެސް ކޮށްފައެވެ. ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނުގައި، ޕެސްޓިސައިޑް ބޭނުންކޮށް، އުފައްދައި، ރާއްޖެއަށް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި އަދި ނައްތާލުމާ ބެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ. އަދި ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ އަމަލުތައް ބަލައި، ފިޔަވަޅު އަޅާނެގޮތުގެ އުސޫލުތަކާއި އެހެނިހެން އުސޫލުތައްވެސް ބަޔާންކުރެއެވެ. ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށް ޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް އެ ބިލު ގާނޫނަކަށްވާ ހިސާބުން ގާއިމް ވެގެން ދާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޕެސްޓިސައިޑް ތަހުލީލު ކުރުމަށް ޓަކައި ރަސްމީ ލެބޯޓަރީތައް އެ ގާނޫނުގެ ދަށުން ގާއިމު ކުރަން ޖެހެއެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް 5،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވިދާނެކަމާށްވެސް ގާނޫނުގައި ވެއެވެ. ރައްޔިތުންގެ މަޖިލީހުން މި ގާނޫނު ފާސްކުރީ ކޮމިޓީ މަރުހަލާގައި ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާވެސް އަޑުއެހުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ