ދެފަހަރަށް އަދަބު ނުދެވޭ ހަމައާއެކު އަދީބު މިންޖުވުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުން ނިންމި ނިންމުމާއެކު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދެން ކުރިއަށް ދާން އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ހިމެނޭ ގޮތަށް ހަތް ދައުވާއެއް އުފުލީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގަ އެވެ. އެ ހަތް ދައުވާއަކީ މުޅި އެ ހިޔާނާތުގެ މައްޗަށް ހިންގި ތަހުގީގަށް ފަހު އަދީބަށް ކުރާ ދައުވާތަކެވެ.
މީގެ ކުރިން އަދީބަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެއް މައްސަލަ ސާބިތުވި އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށް ފަހު އެވެ.
އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގެ ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސް ކަމަށް ހައިކޯޓުން ނިންމާފައި ވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި އަދީބުގެ މައްޗަށް ހުރި އެހެން ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.
އަދީބުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާ ވެސް ކުރިމިނަލް ކޯޓުން ބޭރު ކޮށްލަމުން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބާމެދު ކޯޓުތަކުން ވަނީ ގޮތްތަކެއް ކަނޑައަޅާފަ އެވެ. އެއް މައްސަލައެއްގައި ދެ ފަހަރަށް އަދަބު ނުދިނުމަކީ ގާނޫނު އަސާސީއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ކަށަވަރުކޮށްދީފައި އޮތް އަސާސީ ހައްގެކެވެ.
ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި އަދީބުގެ މައްޗަށް ދެ ފަހަރަށް ތަހުގީގު ހިންގައި ދައުވާ ކޮށްފައިވަނީ އެ ހައްގު ގެއްލޭ ގޮތަށް، އަދުލުގެ ނިޒާމްގައި ކަށަވަރުކޮށްދީފައިވާ އެއް ކުށަކަށް ދެ އަދަބު ނުލިބުމުގެ އުސޫލާ މުޅިން ހިލާފަށް ކަމަށް ގާޒީ ވިދާޅުވެ އެވެ.
ކުރިމިނަލް ކޯޓުން މިހެން ކަނޑައަޅާފައި އޮތް ނަމަވެސް ދައުލަތުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތުން މާބިންހުރާ މައްސަލައަކީ ވަކި މައްސަލައެއް ކަމުން މުޅި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް މިހާތަނަށް އަދަބެއް ކަނޑައެޅިފައެއް ނުވެ އެވެ. އެހެންކަމުން މާބިންހުރާ މައްސަލާގައި މީގެ ކުރިން ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް މުޅި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގެ ޝަރީއަތް އަދީބުގެ މައްޗަށް ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތެވެ. އެހެންނަމަވެސް ކުރިމިނަލް ކޯޓުން މާބިންހުރާ މައްސަލަ ވެސް ސިފަކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ގޮތުގަ އެވެ.
ކުރިމިނަލް ކޯޓުގެ މި ނިންމުމަށް މަތީ ކޯޓުތަކުން ތާއީދު ކޮށްފިނަމަ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިން އަދީބު އެއްކޮށް މިންޖުވާނެ އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މި މައްސަލާގައި ދެން ކުރިއަށް ދާނެ ގޮތަކާމެދު ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި އެކަން ހާމަ ކުރެއްވުމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މީޑިއާއާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން އަދި ޕީޖީ އޮފީސް ގުޅިގެން ކުރަމުންދާއިރު ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވިއިރު ހަމަ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އިތުރު ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ