ގެދޮރު އިމާރާތް ކުރުމުގެ ޕްރޮގްރާމަށް އިނގިރޭސި ކުންފުނިތަކުން ބިޑް ކުރާނެ: ރައީސް ނަޝީދު

ސަރުކާރުން ހިންގާ ގެދޮރު އިމާރާތް ކުރުމުގެ ޕްރޮގްރާމަށް އިނގިރޭސި ކުންފުނިތަކުން ބިޑް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ގާއިމް ކުރުމަށް ބިޑް ކުރުމުގެ އިތުރަށް ގެދޮރު އިމާރާތް ކުރުމުގެ ޕްރޮގްރާމަށް ވެސް އިނގިރޭސި ކުންފުނިތައް ބިޑް ކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ގާއިމް ކުރުމަށް ހަ ފަރާތަކުން ބިޑް ކޮށްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.
"... އެހެންވީމަ އަޅުގަނޑުމެންނަށް އިނގިރޭސިވިލާތުގެ ކުންފުނިތަކާ އެކު ގެންދެވޭ މަސައްކަތް ވަރަށް ބާރަށް ގެންދެވޭ،" ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ދަތުރުފުޅުން ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބީއަކީ، މޫސުމާ ގުޅޭ ވާހަކަތައް ދައްކާނީ ރާއްޖެއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އިނގިރޭސި ސަރުކާރުން ވައުދުވުން ކަމަށެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ އިނގިރޭސިވިލާތުގައި ހިންގާ އީޑްން ޕްރޮޖެކްޓަކީ ފެނާއި ނަރުދަމާ އާއި ހަކަތައިގެ މަސައްކަތް ހިންގިދާނެ މަގެއް ކަމަށާއި އެ ޕްރޮޖެކްޓުގައި ބައިވެރިވުމަށް ރާއްޖެ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް (މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި) އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އެކަމާ ގުޅޭ ކަންކަން ނިންމެވުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން އެ ޕްރޮޖެކްޓު މެދުވެރިކޮށް ރާއްޖެ އަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަގުދު ފައިސާ ދިނުމަށް ވެސް އެދިފަވަޑައިގެންފައިވާނެ ކަމަށެވެ.
"... އެހެންވީމަ އަޅުގަނޑު މި ދެކެނީ އީޑްން ޕްރޮޖެކްޓް މެދުވެރިކޮށްގެން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް. ދެން ނަގުދު ފައިސާ އިން ވެސް އަޅުގަނޑު އެދުނިން ކޮންމެވެސް ވަރަކަށް ރުފިޔާ ދެއްވާށޭ ޖެހޭނީ، އެހެން ނޫނިއްޔާ ދަތިވެއޭ. އެ ބޭފުޅުން ވިދާޅުވީ ދެން ތިކަން ވެސް ތިހެން ވޭތޯ ބަލާނަމޭ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކްސް އިން ސްޓެލްކޯއާ އެކު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމް ގާއިމް ކުރުމަށް ހަ ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އިންވެސްޓް މޯލްޑިވްސް އިން ބުނެފައި ވަނީ އެކަމަށް ބިޑް ހުށަހަޅާފައި ވަނީ ފަސް ފަރާތަކުން ކަމަށެވެ. އިންވެސްޓް މޯލްޑިވްސް އިން ބުނެފައި ވަނީ އެ ކުންފުނިތަކަކީ މޯލްޑިވްސް ދޯނި ސާވިސް އާއި އޮން ބޯޑް މޯލްޑިވްސް އާއި އެމްވީކޭ މޯލްޑިވްސް އާއި ޓްރައިނަސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޓީސީސީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ