ގޮންޖަހާފައި މި ބުނަނީ ސަރުކާރުން އަޅުގަނޑުގެ މައްޗަށް ކޮރަޕްޝަންގެ ކަމެއް ސާބިތު ނުކުރެވޭނޭ: ޔާމީން

ކިތަންމެ މަސައްކަތެއް ކުރިޔަސް ހިޔާނާތުގެ އެއްވެސް ކަމެއް އޭނާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް ވިދާޅުވެ ޕީއޭގެ ރައީސް އަދި ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ރޭ ސަރުކާރަށް ގޮންޖައްސަވައިފި އެވެ.
"...މި ސަރުކާރަށް އަޅުގަނޑު ގޮންޖަހާލާފައި މި ބުނަނީ ސަރުކާރުން އަޅުގަނޑުގެ މައްޗަށް ކޮރަޕްޝަންގެ ކަމެއް ސާބިތު ނުކުރެވޭނެ. މިހާރު ދެ އަހަރު ވެގެން ދިޔައީ. އެ ބޭފުޅުން އެންމެ ބޮޑަށް ހައްޔަރު ކުރަން ބޭނުންވާ މީހަކީ އަދިވެސް އަޅުގަނޑު. މިކަހަލަ ލިޔުންތައް ވެސް މި ނުކުންނަނީ އެހެންވެގެން،" ސިންގަޕޫރުގައި ތެލުގެ ވަގު ވިޔަފާރި މައުމޫނާއި ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް އިންޑިޔާގެ "ދަ ވީކް" މަޖައްލާގައި ޝާއިއުކުރަން ނިންމާފައިވާ ރިޕޯޓަށް ރައްދު ދެއްވައި ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ޔާމީން ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ބޮލުގައި ހިޔާނާތްތައް އަޅުވަން ސަރުކާރުން ތަކުރާރުކޮށް އެތައް މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި ތެލުގެ ވަގު ވިޔަފާރި ހިމެނޭ ގޮތަށް 800 މިލިއަން ޑޮލަރުގެ ވިޔަފާރީގެ ތުހުމަތަކީ ވެސް އެ ސިލްސިލާގެ ބޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އޭނާ އަށް އަމާޒުކޮށްފައިވާ ސްޓޯލެން އެސެޓް ރިކަވަރީ ޕްރޮގްރާމެއް ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ފެށިއިރު އެފަދަ ފަރާތްތަކުގެ ލިސްޓެއް ސަރުކާރުގައި އޮންނާނެ ކަމަށެވެ.
"އަދި އެ ޕްރޮގްރާމް ފަށާކަން އެނގިގެން އެ ޕްރޮގްރާމްގެ މަސައްކަތް ފެއްޓުމުގެ ކުރިން ގެއެއް ވިއްކާލާފައި ނޫނިއްޔާ އެޕާޓްމަންޓެއް ވިއްކާލާފައި އެ މައުލޫމާތު ވެސް މި ސަރުކާރުގައި އޮންނާނެ އިނގޭތޯ؟ އެކަހަލަ މައުލޫމާތު ހުރެގެން އެ ކަމުގައި ތާށިވާ މީހުން، މި ސަރުކާރުން ހޮސްޓޭޖްކޮށްގެން ބިރު ދައްކައިގެން އެ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރަނީ. އަޅުގަނޑަކަށް އެ ބިރެއް ނުދެއްކޭނެ،" މުލަކު ދާއިރާގެ މެމްބަރު ޔާމީން ވިދާޅުވި އެވެ. "އެހެންވީމަ ތައިލެންޑަކު ނޫން، ވިއަޓްނާމަކު ނޫން، ކެމްބޯޑިއާއެއް ނޫން، ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި އަޅުގަނޑުގެ އެސެޓެއް ނުހުންނާނެ. ދެ ބެންކެއްގައި އަޅުގަނޑު އެކައުންޓް މި ގެންގުޅެނީ. އެއީ ދިވެހި ބެންކާއި އެޗްއެސްބީސީގައި. ރާއްޖެއިން ބޭރުގައި އަޅުގަނޑުގެ އެކައުންޓެއް ނޯންނާނެ."
ކުރިން ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯ އާއި ސްޓެލްކޯގެ ވެސް ޗެއާމަންކަން ކުރެއްވި ޔާމީން ވިދާޅުވީ އޭނާގެ ބޮލުގައި ހިޔާނާތުގެ ތުހުމަތު އެޅުވުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"އެކަމަކު ގޯހެއް ހަދައިފިއްޔާ ދެއްތޯ ފެންނާނީ،" ޔާމީން ވިދާޅުވި އެވެ. "ޝައްކެއް ވެސް ނެތް އަޅުގަނޑުގެ ގަދަރާއި ކަރާމާތް ކިތަންމެ ވަރަކަށް ވެސް ކެނޑޭނެ ރައްޔިތުންގެ ތެރޭގައި. އެކަމަކު އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ދައްކާ ވާހަކަ ވެސް އަޑު އަހާނެ ބަޔަކު ތިބޭނެ."
ޔާމީން ވިދާޅުވީ އެސްޓީއޯގެ ހިސާބުތައް ސަރުކާރުގައި ހުންނަތާ އެތައް ދުވަހެއް ވީއިރު ވެސް އޭނާގެ މައްޗަށް ހިޔާނާތުގެ ކަމެއް ސާބިތު ކުރުމަށް ދެއްކުނު އެއްޗެއް ނެތް ކަމަށެވެ.
މިޔަންމާ އަށް ތެޔޮ ވިއްކުމުގައި އެގައުމުގެ އަސްކަރީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި މައުމޫނު އާއިލާ އިން ގުޅުން އޮންނަ ކަމަށް އިންޑިއާގެ އެންމެ މަޝްހޫރު އެއް މަޖައްލާ އިން ތުހުމަތުކޮށްފައިވާތީ އެއަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެސްޓީއޯއަށް ކާޑުގެ ދަތިކަން ދިމާވި ދުވަސްވަރެއްގައި މިއަންމާއިން ހަނޑޫ ހޯދުމަށްޓަކައި ވަރަށް ކުރިން ވަޑައިގެންނެވި ނަމަވެސް ފާއިތުވި 16 ވަރަކަށް އަހަރު އެ ގައުމަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ.
"އެ ވަރުގެ އަސްކަރިއްޔާގެ އިސް މީހުންނާ ޔާމީން ކަހަލަ ނޫނީ ދިވެހިރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ ލީޑަރެއްގެ ގުޅުންތައް އޮންނަންޏާ އެއީ އޭގެ ޒާތުގައި ވަރަށް ސްމާޓް ކަމެއް. އަނެއްކާ އެ ކަންކަމާ ބިރު ގަންނަ މީހުންނަށް ވަރަށް ނުރައްކާތެރި ވެސް ކަމެއް. އަޅުގަނޑު ހިތަށް އަރަނީ ހަމަ މި ސަރުކާރުން ޖެހިލުން ވެދާނެ ކަން ނޭނގެއޭ މިސާލަކަށް ބަރުމާގެ މިލިޓަރީ ސަރުކާރުގައި ތިބޭ ޖެނެރަލުންނާ އަޅުގަނޑާ ތިވަރުގެ ގުޅުމެއް އޮންނަ ކަމަށް ގަބޫލު ކުރެވެންޏާ ވިސްނައިދޭން ކަން ނޭނގޭ އެ އުޅުއްވަނީ އެ ގައުމުން ހަތިޔާރު ގެނެސްގެން މި ސަރުކާރު ވައްޓާލަން ވެސް މަސައްކަތް ކޮށްފާނެއޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބަރުމާ ސަރުކާރުގައި ތި އުޅޭ މިލިޓަރީ ލީޑަރުންނާ ދުވަހަކު ވެސް ބައްދަލުވެފައެއް ވެސް ނުހުންނާނެ. އަޅުގަނޑު ދަންނަ ބައެއް ވެސް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އޭނާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރާއިރު އެއަށް ވުރެ ކުޑަ އަދަދެއް ނުވަތަ ބެންކް އެކައުންޓުގައި ހުރި މިންވަރުގެ އަދަދެއް ޖެހި ނަމަވެސް މީހުންނަށް ބޮޑަށް ގަބޫލު ކުރެވުނީސް ކަމަށެވެ. އޭނާ ވިދާޅުވީ 800 މިލިއަން ޑޮލަރު އަތުގައި ހުރި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ގަނެގެން" ސަރުކާރު "ވައްޓާލެވޭނެ" ވަރަށް ފައިސާ ހުންނާނެ ކަމަށެވެ.
"ޝައްކެތް ވެސް ނެތް 800 މިލިއަން ޑޮލަރު ހުރި ނަމަ އަޅުގަނޑުގެ ޕާޓީން ލޯކަލް ކައުންސިލްތަކުގެ ހުރިހާ ގޮނޑިއެއް ވެސް ހޯދީސް. އެހެންވީމަ ކޮންމެވެސް ވަރަކަށް މީހުންނަށް ގަބޫލުކުރެވޭނެ އަދަދު ލިޔުނު ނަމަ އާޓިކަލް ވިއްކަން ތަންކޮޅެއް ފަސޭހަވާނެ ކަން ނޭނގެ،" ޔާމީން ވިދާޅުވި އެވެ.
މިޔަންމާގައި ޔާމީންގެ ކިހާ މުދަލަކާއި ފައިސާއެއް ހުރެދާނެތޯ "ފަސްމަންޒަރު" ގެ ޕްރެޒެންޓަރު ދެންނެވުމުން ޔާމީން ހިނިފުޅުވަޑުވާފައި ވިދާޅުވީ ކުރިން އޭނާގެ އެކައުންޓުގައި 40 މިލިއަން ޑޮލަރު ހުރި ކަމުގެ ތުހުމަތު ކުރި ދުވަސްވަރު، އެ ފައިސާ ހޯދައި ދެއްވައިފިނަމަ އޭގެ ދެބައިކުޅަ އެއްބައި އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރު ރީކޯ މޫސާ މަނިކަށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އޭރު ދޭން ބުނި އަދަދު މަދުކަމުން ކަން ނޭނގެ އެ ފައިސާ މޫސަ ނުހޯއްދެވީ. މިހާރު 800 މިލިއަން ޑޮލަރު ނޫނިއްޔާ މިޔަންމާގައި ތި ހުރި އެއްޗެހި ދިވެހި ސަރުކާރުން ހޯދައިދީފި ކަމަށް ވަންޏާ އޭގެ 90 ޕަސެންޓް އެ ހޯދައިދޭ މީހަކަށް ދޭން އަޅުގަނޑު މި ހުރީ ތައްޔާރަށް. އަޅުގަނޑު ބޭނުންވަނީ އެންމެ 10 ޕަސެންޓް. މިހާރު 800 މިލިއަން ޑޮލަރު ލިބޭ ކަމަށް ވަންޏާ އަޅުގަނޑަށް ފުދޭނެ އޭގެ 10 ޕަސެންޓް. ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ލިބުނަސް އަޅުގަނޑަށް ފުދޭނެ،" ޔާމީން ވިދާޅުވި އެވެ. "އެހެންވީމަ މި ފަހަރު އަޅުގަނޑު މި ހުށަހަޅަނީ ކުރީ ފަހަރު ދޭން ބުނި އަދަދު ކުޑަވީމަ، މި ފައިސާ ހޯދައިދީފި ކަމަށް ވަންޏާ. އަދި މި ހުރި މުދަލާއި ތަކެތީގެ ހިސާބު ހޯދައިދީފި މީހަކަށް އަޅުގަނޑު އެ ހުރި އެއްޗެއް ހަމަ ހިބަކޮށް ދޭނަން 90 ޕަސެންޓް އިނގޭތޯ."
ޔާމީން ވިދާޅުވީ އޭނާގެ މައްޗަށް 800 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތުކޮށް މަޖައްލާއެއްގައި ޖަހާފައިވާއިރު އޭގެ ހަގީގަތް ބަލައިދިނުމަށް ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު "ޝޫލާ ޝިރާޒް ހިއްޕެވި" ކަމަށް ބުނެ އިންޑިޔާގެ ނޫހެއްގައި ޖެހި ވާހަކަ ވެސް ފުލުހުން ތަހުގީގު ކުރަންވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކަށް ޕީއޭއިން ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މަރުހަބާ ކިޔަން ތަހުގީގުކުރަން. އެކަމަކު ތަހުގީގު ކުރައްވާއިރު ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅާ ބެހޭ ގޮތުން އެހާ ހުތުރުކޮށް އިންޑިޔާގެ ނޫހެއްގައި ޖެހީމަ އެކަން ވެސް ޖެހޭނެ ތަހުގީގުކުރަން،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ