ސިންގަޕޫރު ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އިމާރާތްކުރި ސްކޫލު ހުޅުއްވައިދެއްވައިފި

ސިންގަޕޫރު ސަރުކާރުގެ ހިލޭ އެހީގައި ހުޅުމާލޭގައި އިމާރާތްކުރި ޣާޒީ ސްކޫލް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސިންގަޕޫރުގެ ރައީސް އެސް.އާރު ނާދަން ބުރާސްފަތި ދުވަހު ހުޅުއްވައިދެއްވައިފި އެވެ.
ސިންގަޕޫރު ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އިމާރާތްކުރި ސްކޫލު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ޣާޒީ ސްކޫލުގެ ނަން ބޯޑުގެ ފަރުދާ ކައްސަވާލަ ދެއްވީ ރައީސް މައުމޫނާއި ސިންގަޕޫރުގެ ރައީސް ނާދަން އެވެ.
ޣާޒީ ސްކޫލު ރަސްމީ ގޮތުން ހުޅުއްވައި ދެއްވުމަށްޓަކައި ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ސިންގަޕޫރު ސަރުކާރުން 45.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ުރި އެ ސްކޫލުގެ ހޯލު ހަދައިފައި ހުރި ގޮތުން ހޯލަށް ވާރޭ ވިއްސައި އަދި ހޯލު ތެރޭގައި ފެންގަނޑު ބޮޑުވި މައްސަލަ އެވެ. ސިންގަޕޫރުގެ ރައީސް ސްކޫލަށް ވަޑައިގަތުމާއެކު ކަހަލަ ގޮތަކަށް ބޯކޮށް ވާރޭ ވެހި، ސްކޫލުގެ ތިން ވަނަ ބުރީގައި ހުންނަ ހޯލުގެ މަތީގައި ހަދައިފައި ހުރި ވައިގޮޅިތަކުން ވާރޭ ވިއްސައި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބައެއް އިއްޒަތްތެރިންނާއި އާންމުން ތެމުނެވެ. އަދި ސްކޫލުގެ ހޯލަށް ވާރޭ ވިއްސާތީ، ސްކޫލު ހުޅުވުމުގެ ރަސްމީ ޖަލްސާ ވެސް ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ވަންދެން މެދުކަނޑާލަން ޖެހުނެވެ. ހޯލަށް ވާރޭ ވެހުމުން، އެތަނުގެ ވަކި ހިސާބެއްގައި އޮތީ ފެންގަނޑު ވެސް ހެދިފަ އެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ހޯލަށް ވާރޭ ވިއްސަން ދިމާވި މައިގަނޑު ސަބަބަކީ އެތަނުގެ މުޅިން މަސައްކަތް ނިމިފައި ނުވުމެވެ. އަދި އޭނާ ވިދާޅުވީ ހޯލުގެ މަތިން ވައި ވައްދަން ހަދައިފައި ހުރި ގޮޅިތަކަކީ ބިިއްލޫރި ޖަހަން ޖެހޭ ތަނެއް ކަމަށެވެ.
"ހޯލުގެ މަސައްކަތް މުޅިން ނިމޭއިރު މިއަދު ވާރޭ ވިއްސި ތަނުގެ ވަށައިގެން ހުންނާނީ ބިއްލޫރި ޖަހައިފައި. އެ މަސައްކަތް ނުކުރެވުނީ، ސްކޫލު ހުޅުވުމަށް ވަގުތު ނެތުމާއެކު. އެ ތަނުގައި ސަތަރި ޖެހުމަށް ވެސް އަޅުގަނޑުމެން ރޭ މަސައްކަތް ކުރިން. އެހެން ނަމަވެސް ވައިގަދަކަމުން އެކަން ނުވެގެންދިޔައީ. ސަތަރި ވެސް ފެހިން،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ޣާޒީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި، މިފަދަ އެހެން ހަފުލާތަކާ ހިލާފަށް ވާހަކަ ދެއްކެވީ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު އެކަންޏެވެ. ސްކޫލު ހުޅުއްވައި ދެއްވި ރައީސް މައުމޫނާއި ސިންގަޕޫރުގެ ރައީސް ނާދަން ވާހަކަފުޅެއް ނުދައްކަވަ އެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރާއި ސިންގަޕޫރުގެ ރައީސް ހަދިޔާ ބަދަލުކުރެއްވި އެވެ. އަދި ޣާޒީ ސްކޫލުގެ ފަރާތުން ރައީސް މައުމޫނަށް ހަދިޔާ އެރުވުން ވެސް އޮތެވެ.
ސިންގަޕޫރު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތްކުރި މި ސްކޫލުގައި 30 ކުލާސް ރޫމާއި ހަތަރު ސައެންސް ލެބޯރެޓްރީ އާއި ކޮމްޕިއުޓަރު ލެބަކާއި ލައިބްރަރީ އަކާއި މިއުޒިކް ރޫމަކާއި އާޓް ރޫމަކާއި ކައުންސެލިން ރޫމަކާއި އޯޑިއޯ ވިޝުއަލް ރޫމަކާއި ހެލްތު ރޫމަކާއި ނަމާދުކުރާ ކޮޓަރި އަކާއި މަލްޓި ޕާޕޯސް ހޯލެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ކެންޓީނަކާއި ޗޭންޖިން ރޫމަކާއި ވުލޫކުރާ ތަނެއް ވެސް މި ސްކޫލުގައި ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔަވަން ފަށާ ޣާޒީ ސްކޫލުގައި 900 ކުދިންގެ ޖާގަ އެބައޮތް ކަމަށެވެ. އަދި ހަތަރު ބުރީގެ އެ ސްކޫލުގައި އަންނަ އަހަރު 600 ކުދިން ކިޔަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވި އެވެ.
ގްރޭޑް 1- 10 އަށް ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ޣާޒީ ސްކޫލުގައި ކިޔަވައިދިނުމަށްޓަކައި ސިންގަޕޫރު ސަރުކާރުގެ އެހީގައި މިހާތަނަށް ވަނީ 10 ޓީޗަރަކު ތަމްރީނުކޮށްފަ އެވެ. އަދި އިތުރު ނުވަ ޓީޗަރަކު މިހާރު ވެސް ގެންދަނީ ސިންގަޕޫރުގައި ތަމްރީނު ހަދަމުންނެވެ. އެޑިއުކޭޝަނުން ވިދާޅުވީ އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ނިންމާފައިވާ މި ސްކޫލުގައި، ސިންގަޕޫރުން ތަމްރީނު ހޯދާ ޓީޗަރުން ކިޔަވައިދޭނެ ކަމަށެވެ. އަދި އެތަނުން ވަޒީފާ ދިނުމުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މި ހަފުތާގައި ވިދަޅުވެފައިވާ ގޮތުގައި ޣާޒީ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށާއިރު، ހުޅުމާލޭ ފަރީދިއްޔާ ސްކޫލުގައި ކިޔަވާ ކުދިން، ޣާޒީ ސްކޫލަށް ބަހާލުމުގެ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ފަރީދިއްޔާ ސްކޫލުގެ ބައެއް ބެލެނިވެރިންނާއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
ސިންގަޕޫރު ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އިމާރާތްކުރި ސްކޫލު ރަސްމީކޮށް ހުޅުވުމަށްޓަކައި ރައީސް މައުމޫނާއި ސިންގަޕޫރުގެ ރައީސް ހުޅުމާލެއަށް ވަޑައިގެންނެވި ވަގުތު، ހަތިޔާރު އެޅި ސިފައިންގެ ގިނަ ބަޔަކު އެ ރަށުގެ އެކި ސަރަހައްދުތަކުގައި ފޯރި މަރަމުންދިޔަ އެވެ. އަދި ސަލާމަތީ ކަންތައްތައް ވެސް އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ފޯނު ފަދަ ތަކެތި ސްކޫލުތެރެއަށް ވެއްދުން މަނާކޮށްފައި އޮތްކަން ވެސް ފާހަގަކުރެވުނެވެ.
ޣާޒީ ސްކޫލު ނިސްބަތް ވަނީ މީލާދީން 1573 ގައި ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަތަލު، އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށެވެ. މި ބަތަލަށް ނިސްބަތްވާ އެހެން ސްކޫލުތައް ވެސް ބައެއް ރަށްރަށުގައި އެބަހުރިކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ