ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ދީނީ ގޮތުން ހައްދު ފަހަނަޅައި ދިއުމުގެ ކަންތައްތަކެއް ހިނގާތޯ ބެލުމަށްޓަކައި މުސްތަގިއްލު ކޮމެޓީއެއ

މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ދީނީގޮތުން ހައްދުފަހަނަޅައި ދިއުމުގެ ކަންތައްތަކެއް ހިންގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެއީ ހަގީގަތެއްތޯ ބެލުމަށްޓަކައި މުސްތަގިއްލު ކޮމެޓީއެއް ކޮލެޖުން އެކުލަވާލައްވައިފި އެވެ.
ކޮލެޖުގެ ރެކްޓަރު ޑރ. ހަސަން ހަމީދު މިއަދު ވިދާޅުވީ ޝަރީއާ އެންޑް ލޯގައި ދީނީ ގޮތުން ހައްދު ފަހަނަޅައި ދިއުމުގެ ކަންތައްތަކެއް ހިންގަމުންދޭތޯ ބެއްލެވުމަށް އެކުލަވާލި ކޮމެޓީގައި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެ ބޭފުޅުންނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ސުޕަވައިޒަރު މުހައްމަދު ފަހުމީ ދީދީ އާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން އެންޑް ޓްރެއިނިންގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ފަހުމީ ހަސާއި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ކަރިކިއުލަމް ޑިވެލޮޕަރު ޔައުގޫބު ހަސަނާއި މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ޑިޕިއުޓީ ޑިރެކްޓަރު އަބްދުލް ހަންނާނު ވަހީދު އަދި ކޮލެޖުގެ ރަޖިސްޓްރާ ސައުދުﷲ އަލީ އެވެ.
"މި ބޭފުޅުންގެ މަސައްކަތަކަށް ވާނީ ޝަރީއާ އެންޑް ލޯގައި ހައްދުފަހަނަޅައި ދިއުމުގެ ކަންތައްތަކެއް ހިނގާ ނަމަ އެ ކަންތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުން. މި ކޮމެޓީގެ މަސައްކަތްތައް ނިންމައި، ހަތް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ރިޕޯޓެއް ހުށަހަޅަން ޖެހޭނެ. އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައި،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ދީނީ ގޮތުން ހައްދުފަހަނަޅައި ދިއުމުގެ ކަންތައްތަކެއް ހިނގާތޯ ބެލުމަށްޓަކައި ކުރާނެ ކަންތައްތަކެއް ކަނޑައަޅާނީ އެ ކޮމެޓީން ކަމަށެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ޝަރީއާ އެންޑް ލޯގައި ދީނީ ގޮތުން ހައްދުފަހަނަޅައި ދިއުމުގެ ކަންތައްތަކެއް ހިނގާތޯ މުސްތަގިއްލު ކޮމެޓީއަކުން ބެއްލެވުމުގެ އިތުރުން، އެތަނުގެ އެޑްވައިޒަރީ ކޮމެޓީން ވެސް މިހާރު ގެންދަނީ، ޝަރީއާ އެންޑްލޯގެ ހާލަތު ބެލުމުގެ ދިރާސާއެއް ކުރައްވަމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަޝީދު ހުސެއިނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މަހުގެ 10 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ ދީނީ ގޮތުން ހައްދުފަހަނަޅައި ދިއުން ހުއްޓުވުމަށްޓަކައި އެ މިނިސްޓްރީން ދެ ކަމަކާ މެދު ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެ ދެ ކަމަކީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ދީނީގޮތުން ހައްދުފަހަނަޅައި ދިއުމަށް މަގުފަހިވާ ފަދަ ކަންތައްތައް ހިނގަމުންދާތީ އެ ކަންތައްތައް ހުއްޓުވުމާއި ދީނީގޮތުން ހައްދުފަހަނަޅައި ދިއުމުގެ ވިސްނުން ގެންގުޅޭ މަދަރުސާތަކަށާއި އިންސްޓިޓިއުޝަންތަކަށް ދިވެހިން ދިއުން ހުއްޓުވުމަށްޓަކައި، އެފަދަ ތަންތަނުންދޭ ފާސް، ރާއްޖޭގެ އެކްރެޑިޓޭޝަން ގަބޫލު ނުކުރެއްވުމަށެވެ. މީގެ އިތުރުން ވެސް ދީނީގޮތުން ހައްދު ފަހަނަޅައިދިއުން ހުއްޓުވުމުގެ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ސިޓީ ފޮނުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ