ވަޒީފާގެ ކުރިއެރުމަށް ބޭނުންވާ ފައިސާ ދިނުމަށް ސީއެސްސީން އެދެފި

ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުމަށް ބޭނުންވާ ފައިސާ އެއްވެސް ޝަރުތަކާ ނުލައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދެފި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުން ސީއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ވަޒީފާގެ ކުރިއެރުމާއެކު މުސާރަ އިތުރުކުރަން ޖެހޭ ކަމަށް ލަފާކުރާ 80 ޕަސެންޓް މުވައްޒަފުންނަށްވާ 46،779،876ރ. ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްދިނުމަށް އެދިފަ އެވެ.
ސީއެސްސީން ބުނާ ގޮތުގައި މުސާރައިގެ ކުރިއެރުމުގެ އޮނިގަނޑަށް އަމަލުކުރަން ފެށިތާ ދެ އަހަރު ވެފައި ވަނީ ޖެނުއަރީ ،31 2011 އަށް ކަމަށް ވާއިރު، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ގަވާއިދުން ބަލައި ވަޒަންކޮށް، ފެބްރުއަރީ ،1 2011 ން ފެށިގެން މުސާރައިގެ ކުރިއެރުން ދޭން ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އެކަމަށް ހުރަސް އެޅިފައި ވަނީ ސީއެސްސީން މަޖިލީހުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ އިގުތިސާދީ ހާލަތު ހުރި ގޮތުން. ސިވިލް ސާވިސް މުވައްޒަފުންނަށް މި އަހަރު މުސާރައިގެ ކުރިއެރުން ދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުންނެވެ. އަދި މުސާރައިގެ ކުރިއެރުން ލިބެންޖެހޭ ފަރާތްތަކުން އެ ޝަކުވާ ސީއެސްސީ އަށް ކުރަމުން ގެންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
ސީއެސްސީން މަޖިލީހުގައި ދަންނަވާފައި ވަނީ މުސާރައިގެ ކުރިއެރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް އެދި މަޖިލީހުގައި ދެންނެވީ، ބަޖެޓްގައި އެ ފައިސާ ހިމަނައި ދިނުމަށް އެދި ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެދުނު ނަމަވެސް ފިނޭންސް މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިވާކަން އެނގެން ނެތުމުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީއާ އެކު ކުރި މަޝްވަރާތަކަށް ފަހު ސީއެސްސީން ވަނީ، ކުރިން ކޮންމެ ހަތަރު އަހަރަކުން ދެމުން އައި ވަޒީފާގެ ކުރިއެރުން ހުއްޓާލައި، އެކަން ކުރާނެ އުސޫލަށް ބަދަލު ގެނެސްފަ އެވެ. އޭގެ ބަދަލުގައި މަސައްކަތުގެ ފެންވަރަށް ބިނާކޮށް ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ދިނުމަށް ފެބްރުއަރީ ،1 2009 ގައި އަމަލުކުރަން ފެށި، މުސާރައިގެ ކުރިއެރުން ދިނުމުގެ އާ އޮނިގަނޑުގައި ވަނީ ހިމަނައިފަ އެވެ. އަދި މި ފަހަރު ވަޒީފާގެ ކުރިއެރުން ލިބޭ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހޯދުމަށް ސީއެސްސީން މަސައްކަތް މި ފެށީ އެ އޮނިގަނޑަށް އަމަލުކުރާތާ ދެ އަހަރު ވުމުންނެވެ. މިއީ އެ އުސޫލުން ވަޒީފާގެ ކުރިއެރުމަށް ބޭނުންވާ ފައިސާ ދޭންޖެހޭ ފުރަތަމަ ފަހަރެވެ.
ވަޒީފާގެ ކުރިއެރުން ލިބޭ މުވައްޒަފުންނަށް މުސާރަ އިތުރު ކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް ސީއެސްސީން މަޖިލީހުގައި އެދުނުއިރު، އިގުތިސާދީ ހާއްސަ ހާލަތާ ގުޅިގެން 2009 ވަނަ އަހަރު އުނިކުރި މުސާރަ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް އެ ކޮމިޝަނުން ވަނީ މަޖިލީހުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ